ރާއްޖޭގައި މިހާރު ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވެ ވިޔަފާރިތަކަށާއި އިގްތިޞާދަށް ނޭދެވޭ އަސަރު ކުރަން ފަށާފައި ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފެއިލިއާ އަކުން ކަމަށް ބުނެ އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވައި އިސްތިއުފާ ދެއްވުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ މަޓާޓޯއިން ގޮވާލައިފިއެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ވަނީ ޑޮލަރުގެ ބާޒާރު ހަމަޔަކަށް އެޅުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކަށް ގޮވާލާފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޑޮލަރުގެ މައްސަލަ މިހާ ހިސާބަށް ދިޔުމުގެ އެއްސަބަބަކީ މާލީ ދާއިރާގެ ބެލެނިވެރި ފަރާތް އެމްއެމްއޭއިން އެކަން ހަމަޔަކަށް އެޅުވުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި އެތައް ޒަމާނަކަށް އިހުމާލުވެފައި ވުންކަމަށާއި އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވަން ޖެހޭ ކަމަށެވެ.
މަޓާޓޯއިން ބުނީ ޑޮލަރުގެ މައްސަލަ ގޯސްވުމުގެ އަނެއް ސަބަބަކީ ސަރުކާރުގެ ހަރަދުތައް ދެމެހެއްޓޭނޭ ވަރަށް ވުރެ އެތައް ގުނައެއް ބޮޑުވެފައިވުންކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތަކަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށް ދިނުމުގެ ބަދަލުގައި ބޭންކުތަކުގައި ހުންނަ ފައިސާއިން ސަރުކާރުގެ ބޮންޑަށް އިންވެސްޓް ކުރަން ޖެހިފައިވާކަމަށާއި މި ގޮތަށް ބޭންކުތަކުގައި ހުންނަ ފައިސާ ސަރުކާރުގެ ދަރަންޏަށް އިންވެސްޓް ކުރުމުގެ ސަބަބުން ޑޮލަރު ލިބުމުގައި ވިޔަފާރިތަކަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ދެ އިގްތިސާދު ކަމަށްވާ ޖަޕާނާއި އިނގިރޭސިވިލާތް ދާދި ފަހުން ރެސަޝަނަކަށް ނުވަތަ އިގްތިސާދީ ތަދުމަޑުކަމަކަށް ގޮސްފައިވާކަން ފާހަގަކޮށް އެކަންކަމުން އިބުރަތް ހާސިލްކުރަން ގޮވާލައިފައެވެ.
އަދި އެކަމުން އެނގެނީ ބޮޑެތި ގައުމުތަކަށް ވެސް މި ދަނޑިވަޅުގައި މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މިންވަރު ކަމަށާއި އެއީ ރާއްޖެ ފަދަ ގައުމުތަކަށް އޮތް އިންޒާރުގެ ރަނގަބީލެއް ކަމަށް މަޓޯޓާއިން ބުނެފައިވެއެވެ.
އެހެންވެ އެ ބަޔާނުގައި ވަނީ އިގްތިސާދީ ނިންމުންތައް ނިންމުމުގައި ސަމާލުކަން ދިނުމުގެ މުހިންމުކަން ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ.