މަސްވެރިން ބާނާ މަސް ކިރުވުމަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންނަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ އަންނަ މާޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދައްކައި ޚަލާޞްކުރެވޭނެ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ކޫއްޑޫގައި ބައެއް މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން "ދިޔަރެސް"އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ނުދައްކައި ހުރި 240 މިލިއަނެއްހައި ރުފިޔާ ހުރުމާއެކު އެ ފައިސާ ދައްކަމުން ގެންދިއުމުން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދިމާވި ދަތިތަކާއެކު ނުދެވި ހުރި ފައިސާގެ ބެކްލޮގުގެ ގޮތުގައި މިހާރު ހުރީ 280 މިލިއަނެއްހައި ރުފިޔާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް އެ ފައިސާ ދައްކައި ނިންމުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި، އަންނަ މާޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައްކައި ޚަލާސްކުރެވޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސްވެސް ވިދާޅުވެފައިވަނީ ރަމަޟާން މަސް ބައްދަލުކުރާނީ މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާގެ ބެކްލޮގު ފިލުވައިލެވިގެން ކަމަށް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާޗު 5 ވަނަ ދުވަހުގެ ނިޔަލަށް މި 280 މިލިއަން ރުފިޔާގެ ބެކްލޮގު ފިލުވައިލާނަން،" ޝިޔާމު ވިދާޅުވިއެވެ.
ބެކްލޮގު ފިލުވުމުގެ މަސައްކަތް ކުރަމުންދާއިރު، މަސްވެރިން ކިރުވާ މަހަށް ކޮންމެ ހަފުތާއަކު ފައިސާ ދޫކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ، މިހާރު މަސް ކިރުވުމުން އެ ހަފުތާގައި ކިރުވި މަަހަށްވާ ފައިސާ އެ ހަފުތާގައި ލިބެމުންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ބެކްލޮގު ފިލުވައިލުމުން މަސްވެރިންގެ ޝަކުވާތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މިއަދު ކޫއްޑޫގައި އިހުތިޖާޖުކުރަމުންދާ މަސްވެރިންނާއެކު ސަރުކާރުން މިހާރުވެސް މަޝްވަރާކުރަމުންދާކަން ހާމަކުރައްވައި މިނިސްޓަރު ޝިޔާމު ވިދާޅުވީ މިވަގުތު އޭނާ ށ.އަތޮޅުގައި ހުންނެވި ނަމަވެސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަސްވެރިންނާ ބައްދަލުކުރެއްވުމަށް ކޫއްޑޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.