Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޫއްޑޫ

ކޫއްޑޫގައި އިހުތިޖާޖުކުރާ މަސްވެރިންނާ ސަރުކާރުންދަނީ މަޝްވަރާކުރަމުން، މިނިސްޓަރު އެރަށަށް ވަޑައިގަންނަވަނީ

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން ގއ.ކޫއްޑޫގައި މިއަދު އިހުތިޖާޖުކޮށް މުޒާހަރާކުރަމުންދާ މަސްވެރިންނާއެކު ސަރުކާރުން މަޝްވަރާތައް ފަށައި، މެންދުރުފަހުގެ ވަގުތެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ކޫއްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މަސް ކިރުވުމަށްފަހު މަސްވެރިންނަށް ދޭންހުރި ފައިސާ ނުލިބޭތީ ބައެއް މަސްވެރިން ކޫއްޑޫގައި އިހުތިޖާޖުކުރަން ފެށުމާއެކު، ކޫއްޑޫގެ މަސައްކަތްވަނީ މެދުކެނޑިފައެވެ. އެ ރަށުގައި މަސް ކިރަން ކިއުގައި ޖެހިފައި ތިބި މަސްވެރިންނަށް މަސް ކިރުމުގެ ޚިދުމަތް ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބު އެ މަސްވެރިންގެ ޝަކުވާތައްވެސް ސަރުކާރަށް އަންނަނީ ލިބެމުންނެވެ.

މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމު ވިދާޅުވީ އިހުތިޖާޖުކުރަމުންދާ މަސްވެރިންނާ މިނިސްޓްރީން މަޝްވަރާކޮށް ވާހަކަދައްކަމުންދާ ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ހައްލުތަކެއް ހޯދައިދިނުމަށް މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓިފައި އޮތުމުން އިހުތިޖާޖުގައި ބައިވެރިނުވެ މަސްކިރުމަށް ކޫއްޑޫ ބަނދަރުގައި ކިއުޖެހިފައި ތިބި މަސްވެރިން މިނިސްޓްރީއަށް ގުޅައި އެކަމުގެ ޝަކުވާތައްވެސް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ކޫއްޑޫގައި މަސްކިރުމުގެ މަސައްކަތް ފެށޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޔެ ފެށި ފަރުމަހުގެ މަސްވެރިންނަށް ލުއި ލޯނު ދިނުމުގެ ޕްރޮގުރާމާއި، މަސްވެރިންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް އިފުތިތާހުކުރެއްވުމަށް ށ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި ހުންނެވި ވަޒީރު ވިދާޅުވީ މާލެއަށް ވަޑައިގަތުމަށްފަހު މާލެއިން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ކޫއްޑޫއަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

ކުރީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ދޭންޖެހިފައި ހުރި 240 މިލިއަން ރުފިޔާ ނުދީ ހުއްޓެވެ. އެ ފައިސާ ނުދެވި ހުރުމާއެކު، މަހުގެ އަގު ކުއްލިއަކަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑުކުރުމުގެ ސަބަބުން މަސްވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވެ މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި ފައިސާގެ އަދަދު އިތުރުވެފައިވެއެވެ.

މިނިސްޓަރު ޝިޔާމު ވިދާޅުވި ގޮތުގައި މިހާތަނަށް ނުދެވި ހުރި ފައިސާގެ ޖުމްލަ އަދަދަކީ 290 މިލިއަން ރުފިޔާއެވެ. އަންނަ މާޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެ ބެކްލޮގު ފިލުވައިލާ ފައިސާ އެކީ ދައްކައި ޚަލާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު މަހުގެ ރޭޓު 20 ރުފިޔާއަށް ކުޑަކުރަން ނިންމުމާ ގުޅިގެން ހަފުތާއިން ހަފުތާއަށް ކިރުވާ މަހަށް ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ.

"އަޅުގަނޑު މެންދުރުފަހުގެ ފުލައިޓުން ކޫއްޑޫއަށް އެބަދަން. އަޅުގަނޑު އެދެނީ ކޫއްޑޫގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެފަދަ މާހައުލެއް އެތަނުގައި ޤާއިމުކޮށްދެއްވުން. އިހުތިޖާޖުގައި ބައިވެރިނުވާ މަސްވެރިންނަށް މަސް ކިރޭނެ މާހައުލެއް ބާއްވައިދެއްވުން،" ޝިޔާމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ