އިންޓަރނޭޝަނަލް ސަބަމެރިން ކޭބަލެއް ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ބައިނަލްއަގްވާމީ ސަބަމެރިން ކޭބަލެއް ނުވަތަ ޕީސް ކޭބަލްގެ ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. މިއީ ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކަށް ޕީސް ކޭބަލްގެ ހިދުމަތް ލިބިގެންދާ ފުރަތަމަ ފަހަރެވެ.
އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަވެގެންދާނެކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވެއެވެ.
އެ މަޝްރޫއު ހޮޅުވުމުގެ ރަސްމިޔާތުގައި މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފްގެ އިތުރުން ސަރުކާރާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖެއާ ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް.ވަޒީރު ޝަރީފް ވިދާޅުވިއެވެ.
ވަޒިރު ޝަރީފް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ދިވެހި މުޖުތަމައުއަށް އިތުރު މަންފާއާއި ތަރައްގީގެ އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް ވަޒީރު ވަނީ އުރީދޫއަށް ޝުކުރު ދަންނަވާފައެވެ.