Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އީރާނާއި ސަޢޫދީގެ އެއްބާރުލުން އިތުރުކުރުމަށް ވައުދުވެ، އިސްރާއީލަށް ފާޑުކިޔައިފި

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން އާއި ސައުދީ ގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދު ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ވައުދުވެ، ޣައްޒާގެ ހާލަތާ ގުޅިގެން އިސްރާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ "ޖަރީމާތަކާއި" އަދި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 1.3 މިލިއަނަށްވުރެ ގިނަ މީހުންނަށް ހިޔާވަހިކަން ދޭ ޣައްޒާގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ ރަފަޙްއާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ "އިންޒާރުތަކާއި" އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ހަނގުރާމައަކީ ހައްލެއްގެ ގޮތުގައި ނުދެކޭ، އެކަމަކު ސިޔާސީ ގޮތުން ވަގުތުން މައްސަލަ ހައްލު ނުކުރެވިއްޖެނަމަ، އިޒްރޭލުން މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރަމުންދާ ޖަރީމާތަކުގެ ނޭދެވޭ ނަތީޖާ އަންނާނެ،" ހުސައިން އަމީރު އަބްދުއްލަހްޔާން ވިދާޅުވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ޣައްޒާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓަރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށްވެސް އީރާންގެ ފޮރިން މިނިސްޓަރ އަބްދުއްލަހްޔާން ވިދާޅުވިއެވެ.
ޣައްޒާގެ މައްސަލަ ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ ގޮތުން ގޮވާލާ ގޮވާލުންތަކަށް އިސްރާއީލުން އިހުމާލުވެފައިވާކަމަށް ވިދާޅުވެ، އިސްރާއީލުގެ "ގަތުލުއާއްމު" ހުއްޓުވުމަށް އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސަޢޫދީ ޚާރިޖީ ވަޒީރު މަރުޙަބާ ވިދާޅުވިއެވެ.
އަދި އިޤްތިޞާދީ އަދި ވިޔަފާރީގެ އެކި ދާއިރާތަކުންނާއި، ޚާއްޞަކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އޮނިގަނޑުގެ ތެރެއިން ދެޤައުމުގެ އަމިއްލަ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެވަޒީރުން އަލިއަޅުއްވާލެއްވިއެވެ.
އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހަމާސް ޖަމާއަތާ ހަނގުރާމަ ކުރަމުން އަންނައިރު، އެ ޖަމާއަތުން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ކުއްލި ގޮތަކަށް ހަމަލާދީ 1200 އެއްހާ މީހުން މަރާލިއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 28،775 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ރަފަޙްއާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދީ، އެ ސިޓީގައި އެއްގަމު މަގުން އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުން އަންނަ ކަމުގެ އިޝާރާތެއް ދީފައެވެ.
މި ލިއުމާއި ގުޅޭ