ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ފާއިތުވި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގައި ދިން ހަމަލާގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންނދެން ބަންދުކޮށްފިއެވެ.
މި ހަމަލާގެ ތުހުމަތުގައި އިތުރު 2 މީހަކު މީގެކުރިން ހައްޔަރުކޮށްފައިވެއެވެ. އެއިރު މި މައްސަލާގައި ހައްޔރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންނާ ދެކޮޅަށް ފުލުހުންވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތައް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އެމީހުން ބަންދުގައި ބައިތިއްބަން ކުރި އަމުރުގައި ކޯޓުން ބުނެފައިވަނީ އެފުޓޭޖުން ފެންނަ މަންޒަރުތަކަށް ބަލާއިރު ޝަމީމަށް ހަމަލާދިނުމުގައި އެ ދެ މީހުންވެސް ބައިވެރިވި ކަމަށެވެ.
ހައްޔަރުކުރި 2 މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ މީހާ ބަންދުގައި ބަހައްޓަންކުރި އަމުރުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި ފަހުން ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ ޝަރީޢަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި އެންމެންނާ ދެކޮޅަށް ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި ފުޓޭޖުގެ އިތުރަށް ސީންގެ ފޮޓޯ ފުލުހުންވަނީ ހުށަހަޅާފައެވެ.
ފަހުން ހައްޔަރުކުރި 22 އަހަރުގެ މީހާއަކީ އަމަލީ ގޮތުން ޝަމީމަށް ހަމަލާދިން މީހެއް ނޫނެވެ. އޭނާއާ ދެކޮޅަށް ފުލުހުން ތުހުމަތުކުރީ އޭނާއަކީ ޕީޖީ ޝަމީމަށް ހަމަލާދިނުމުގެ ކުރިން ޝަމީމަށް ފާރަލި މީހުންގެ ތެރެއިން މީހެއް ކަމަށެވެ. މި މީހާއަކީ ކުރިންވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ.