ދިވެހިރާއްޖެއިން ޕެރައިންފްލުއެންޒާ ޖެހިގެން އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.
މީގެ ހަ ދުވަސް ކުރިން އައިޖީއެމްއެޗްގައި ފަރުވާދޭންފެށި އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ އަންހެންކުއްޖާ ޕެރައިންފްލުއެންޒާގައި ނިޔާވިއިރު, މިބައްޔަށް ވެކްސިނެއް އަދި ބޭހެއް ވެސް ނުހުރެއެވެ.
މިބަލީގެ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ރާއްޖެއިން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މިދިޔަ މަހު ވަނީ މިބަލީގައި ޒުވާން ފިރިހެނަކާއި އަންހެނަކު ނިޔާވެފައެވެ.
އިންފްލުއެންޒާއާއި ޕެރައިންފްލުއެންޒާ އަކީ އެއްގޮތް ކަންތައްތައް ހުރިނަމަވެސް ދެ ބައްޔެކެވެ. އިންފްލުއެންޒާ އާއި ޕެރައިންފްލުއެންޒާ ފެތުރޭ ގޮތާއި ބަލީގެ އަސަރުކުރާ ތަންތަނާއި އަދި ނުރައްކާ އޮންނަ އުމުރު ދާދި އެއްގޮތެވެ. ނަމަވެސް އިންފްލުއެންޒާއާއި ޚިލާފަށް ޕެރައިންފްލުއެންޒާއަށް ބޭހެއް ނުވަތަ ވެކްސިނެއް އަދި ޚާއްސަކޮށް އުފައްދާފައެއް ނުވެއެވެ.
އިންފްލުއެންޒާއެކޭ އެއްގޮތަށް ޕެރައިންފްލުއެންޒާވެސް ފެތުރެނީ ބަލިޖެހިފައިވާ މީހެއް ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވާ ކުޅުތިކީގެ ޒަރިއްޔާއިންނެވެ. އަދި ބަލީގެ ޖަރާސީމުގެ އަސަރު, ޖަރާސީމު ހަރުލާ ތަނެއްގެ ގޮތުން ގަޑިއިރުތަކަކަށް ހުންނާނެކަމަށްވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.