Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ކޮންމެ ހަފްތާއަކު ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސްގެ އަރިހުގައި އެމީހާ ވަނީ ހޮސްޕިޓަލްތަކުން އެޕޮއިންޓް ލިބުމުގައި ވަރަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، އެ ނިޒާމު އެއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރަނީ ކޮންއިރަކުތޯ ސުވާލު ކުރައްވާފައެވެ.


"އެއީ ވަރަށް ބޮޑު ތަކުލީފެއްް، ވަރަށް ޚަރަދުވެސް ހިނގާ ކަމެއް. އެހެންވީމަ އަޅުގަނޑު ރައީސްއާ ކުރަން ވަރަށް ބޭނުން ސުވާލެއް އެއީ، އެއަށް ބަދަލު އާދޭތޯ؟ އަނެއް މައްސަލައަކީ އެޕޮއިންޓްމަންޓަށް ގަޑިޖެހިގެން ދާއިރު ކިޔާފަ އޮންނަ ގަޑިއަކަށް ޑޮކްޓަރު ހާޒިރެއްނުވޭ. އޭގެ އެއްގަޑިއިރު ފަހުން ޑޮކްޓަރު ވަޑައިގަންނަވަނީ."

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ސްޕެޝަލިސްޓުންނާއި، ސުޕް ސްޕެޝަލިސްޓުން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރުކުރުމަކީ މިހާރު ކުރަމުންދާ އެއް ކަންތައް ކަމަށާއި، ސްޕެޝަލިސްޓުން ނެތް ހޮސްޕިޓަލްތަކަށްވެސް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ދެންމެ ތި ވިދާޅުވި ގޮތަށް މަޑުކުރަންޖެހޭ ވަގުތުވެސް ކުޑަވާނެ. ދެން ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގަ އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކީގަ އެނގިގެންދާނެ ގޮތަށް ބައްޓަން ކުރެވިގެން މިދަނީ. އިރާދަކުރެއްވިއްޔާ އެޕޮއިންޓްމަންޓާ އެކީ ދުވަސް އެނގޭގޮތަށް، އިތުރަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް. އޭރުން ރަށްރަށުގައި ތިބެފައި ވަޑައިގަންނަވާ އިރުގައި ވެސް ރައްޔިތުންނަށް އިންތިޒާރު ކުރަން ޖެހޭ ގޮތް ނުވާނެ. ދެން ހޮސްޕިޓަލްގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ކުރެވޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި، ސުޕަ ސްޕެޝަލިސްޓުން އިތުރު ކުރެވޭ ވަރަކަށް އެގޮތަށް އިންތިޒާރުގަ މަޑުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށާއި، ޖުމްލަ ގޮތެއްގައި ހޮސްޕިޓަލްތަކުގެ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ