ހިމާޔަތްކޮށްފައިވާ ކ.ތަނބުރުދޫ ތިލަ ސަރަހައްދުގެ މައުލޫމާތު މުރާޖައާ ކުރުމަށްފަހު އަލުން އާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 27 ސެޕްޓެމްބަރު 1995 ގައި ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ތިލަ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، މުރާޖައާކޮށް، އެ ސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފުސީލު 5 ނޮވެންބަރު 2020 ގައި ވަނީ މުރާޖައާކޮށްފައެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިއަދު ބުނީ އެ ސަރަހައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު މި މަހުގެ 15 އިން ފެށިގެން އަލުން މުރާޖައާކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް އާންމުކޮށްފައެވެ.
ތަނބުރުދޫއަކީ މާލޭގެ އުތުރުން 17 ކިލޯމީޓަރު ދުރުގައި ކ.އަތޮޅުގެ އިރު އުތުރުކޮޅުގައި އޮންނަ 4.01 ހެކްޓަރުގެ ގާމަތީ ރަށެކެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިން - 316.36 ހެކްޓަރު
ބިމުގެ ސަރަހައްދު - 4.28 ހެކްޓަރު
ކަނޑުގެ ސަރަހައްދު - 312.07 ހެކްޓަރު
ތަނބުރުދޫގެ ޚާއްސަ ސިފަތަކުގެ ތެރޭގައި މި ރަށުގައި އޮންނަ 0.36 ހެކްޓަރުގެ ފައު /ޗަސްބިން ސަރަހައްދު ހިމެނެއެވެ.
މި ރަށުން ފެންނަ މުހިންމު ދިރުންތަކުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ ދޫންޏާއި، ހިޖުރަކުރާ ދޫނި ހިމެނެއެވެ. އޭގެ ތެރޭގައި، މާކަނާ، ކަނބިލި، ކިރުދޫނި، އަދި ވައްލަ ނިދަން އަރާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި ރަށުގެ ދެފަރާތުން ނަގާ ބިޔަ ރާޅުތަކަކީ ރާއްޖޭގެ މަދުރަށަކުން ނޫނީ ނުފެންނަ 'އޯޝަނޮގްރަފިކް' ސިފައެއް ކަމަށާއި މި ރާޅުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް ރާޅާއަޅާ މީހުންގެ މެދުގައި މަގުބޫލު ރާޅުތަކެއް ކަމަށެވެ. އަދި ތަނބުރުދޫ ވަށައިގެންވާ މޫދުގެ ސަރަހައްދަކީ ވެސް ފަރުގެ ދިރުންތައް ގިނަ، މަޑު މުރަކައިގެ ބާވަތްތައް ގިނަ، ފަރުމަހުގެ ދިރުންތައް މުއްސަނދި ސަރަހައްދެއް ކަމަށެވެ.
މި ސަރަހައްދުގައި ހިމެނޭ ތަނބުރުދޫ ތިލަ ނުވަތަ 'އެޗް.ޕީ ރީފް' އަކީ ޑައިވަރުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓެކެވެ. އެޗް.ޕީ ރީފް މަޝްހޫރުވެފައިވަނީ މި ތިލައިގައި ހިމެނޭ މަޑު މުރަކައިގެ ބާވަތްތަކާއި، ހޮހަޅަ ތަކާއި، ހޮހަޅަ ތަކުގެ މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާހޭންގްސް) ތަކުގެ ސަބަބުންނެވެ. މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި، އެކި ބާވަތްތަކުގެ، މަޑި، ކަޅުވެން، މިޔަރު އަދި ވެލާ ހިމެނެއެވެ.
- މި ސަރަހައްދު ގައި ހިމެނޭ ހުރިހާ ޒޯންއެއްގައި ކުރުން މަނާ ކަންކަން:
- 1.އެއްވެސް އެއްޗެއް/ދިރުމެއް ނެގުން، މެރުން، ގޯނާކުރުން، ނުވަތަ ހިފުން.
-
- 2 .އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/އަދި ހާއްޔަކަށް ގެއްލުން ދިނުން.
-
- 3 .އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން.
-
- 4 .އަލިވާ ގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން. މީގެ ތެރޭގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަނު މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސަންސެން އޮތް އުޅަނދަކުން، ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެ.
-
- 5 .މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަ ކުރުން.
-
- 6 .މެރިކަލްޗަރ ނުވަތަ އެކުއަރކަލްޗަރގެ މަސައްކަތެއްކުރުން
- 7 .މަސްމަހާމެއްސާއި، ދޫނިސޫފާސޫފި ހިމެނޭގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން.
-
- 8 .އެއްވެސް ބާވަތެއްގެ ކުނި އެޅުން
- ވިލްޑަރނެސް އޭރިއާގައި ކުރުން މަނާ ކަންކަން:
- 1.ގަސް ގަހާއި ގެހި ކެނޑުން، އުފުރުން ، ގެއްލުންދިނުން.
- 2 .ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން.
- 3.ކަޅުފަސް ނުވަތަ ދޮންފަސް ނެގުން.
- 4 .ހިކިފަން، ކާށި، ދަރު، މިދިލި އޮށް، ކަނޑޫ ހޮވުން.
- 5 .ލަކުޑިއާއި، ދަނޑި ކެނޑުން
- 6 .އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުން.
- 7.ދަނޑުވެރިކަން ކުރުން.
މީގެ އިތުރުން މޫދު ސަރަހައްދު ހިމެނޭ ހުރިހާ ޒޯންއެއްގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިން ކުރުމާއި ބިން ހިއްކުމާއި ފަޅު ފުން ކުރުން ހިމެނެއެވެ.