ދުބާއީގެ އަމީރު އަދި ޔުނައިޓެޑް އަރަބިކް އެމިރޭޓްސްގެ ނައިބުރައީސް، ބޮޑުވަޒީރު އަދި ދިފާއީ ވަޒީރު ޝައިޚު މުޙައްމަދު ބިން ރާޝިދު އަލްމަޚުތޫމާ ބައްދަލުކުރައްވައި އެމިރޭޓްސްއާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
ޝައިޚު މުޙައްމަދު ބިން ރާޝިދުގެ ދައުވަތަކަށް ވޯލްޑް ގަވަމެންޓު ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ދުބާއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސަމިޓުގެ ހަވާސާއިން ދެ ބޭފުޅުން ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖެއާއި އެމިރޭޓްސްގެ މަސްލަހަތު އެއްގޮތްވާ ގިނަ ކަންތައްތަކެއް ހިމެނެއެވެ.
ދެ ޤައުމުގެ މެދުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކޮށް އިތުރަށް އެއްބާރުލުންދިނުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާއި ވިޔަފާރިއާއި، ތަރައްޤީއާ ގުޅުންހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ބައިނަލްއަޤުވާމީ މަސްރަހުގައި ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރެއިން މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނެވި ހަކަތައާ ގުޅޭ ގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވެސްވަނީ ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް އުޚުއްވަތްތެރި ގާތް ގުޅުން އިތުރަށް ބަދަހިވާނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ.