ޔޫރަޕްގެ ދިފާއުގައި އެމެރިކާ ހަނގުރާމަ ކުރަން ނުޖެހޭ ކަމަށާއި އެހެން ގައުމަކުން ޔޫރަޕްގެ ގައުމަކަށް ހަމަލާދިނަސް ދިފާއުގައި އެމެރިކާ ސިފައިން ނުފޮނުއްވާނެކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުން ގެންދަވާ އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރުމަށްޓަކައި ކެމްޕޭނު ދަތުރުފުޅެއްގައި ދެކުނު ކެރޮލީނާ ސްޓޭޓްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ޓްރަމްޕް ވިދާޅުވީ ޔޫރަޕްގައި ހިމެނޭ ނޭޓޯގެ ގައުމަކަށް އެހެން ގައުމަކުން ހަމަލާދިނަސް އޭނާގެ ވެރިކަމެއްގައި އެގައުމުގެ ދިފާއުގައި އެމެރިކާ ނުތެދުވާނެ ކަމަށެވެ. އަދި އެމެރިކާގެ ސިފައިންވެސް އެގައުމުގެ ދިފާއުގައި ހަނގުރާމަކުރަން ނުފޮނުވާނެކަމުގައެވެ.
ނަމަވެސް ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތަކުގެ ހިއްސާ އެމެރިކާ އެދޭވަރަށް ބޮޑުކޮށް އެގައުމެއްގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދީފި ހާލަތެއްގައި އެ ޚަރަދަކާ އެއްވަރަށް އެގައުމުގެ ދިފާއުގައި އެމެރިކާ މަސައްކަތް ކުރާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހުނީ ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތައް ހިއްސާވާ މިންވަރު ކުޑަކަމުންނެވެ. ޓްރަމްޕްގެ ވެރިކަމުގައި އޭނާވަނީ ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތަކުގެ ހިއްސާ އެތައް ގުނައެއް މަތިކުރުމަށް އެގައުމުތަކަށް ބާރުއަޅުއްވާފައެވެ.
ޔޫރަޕްގެ ދިފާއުގައި އެމެރިކާ ހަނގުރާމަ ކުރާނީ އެކަމަށް ބޭނުންވާ ޚަރަދު ދިނުމުންކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު މިއީ ޔޫރަޕްގެ ގައުމުތައްފަދަ ކުދި ގައުމުތަކަށް ތަހައްމަލް ކުރެވޭނެ ޚަރަދަކަށް ނުވާނެކަމަށާއި ޔޫރަޕްގެ ގިނަ ގައުމުތަކަކީ އިގްތިސާދީ ކުރިއެރުން ދަށް، ގުދްރަތީ ވަސީލަތްތައް މަދު، އާބާދީ މުސްކުޅިވެފައިވާ ގައުމުތަކެއްކަން މުހައްލިލުން ފާހަގަ ކުރެއެވެ.
ޔޫރަޕްގެ ގައުމަކަށް ހަމަލާދިނަސް ދިފާއުގައި އެމެރިކާ ސިފައިން ނުފޮނުއްވާނެކަމަށް ޓްރަމްޕް ވިދާޅުވުމުން އެމެރިކާގެ ސިޔާސީ ފަރާތްތަކުންނާއި ޔޫރަޕުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުގެ މަސްއޫލުވެރިން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ އެތެރެއިން ޓްރަމްޕަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ ބައެއް މެންބަރުންނާއި އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން ހިމެނެއެވެ.