ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ މުޅި އަދުލުގެ ނިޒާމަށް އިތުބާރު އޮތްކަން ކަށަވަރުކުރުމަށްފަހު ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ, ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މުޅި އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމްކުރެވޭ މީހާއަށް ދޭން ޖެހޭ ހުރިހާ ހައްގެއް ދެވިފައިވޭތޯ ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި މުޅި ނިޒާމަށް ހުރިހާ އެންމެންގެ ފުރިހަމައަށް އިތުބާރު ޤާއިމްކުރުމަށްފަހުގައި ކަމަށެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކާއި ގުޅިގެން މިނިސްޓަރ އިހުސާން ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާތަކާ އިދާރާތަކާއި ގުޅިގެން އެކަން ކުރާނެ ކަމަށާއި މިހާރުވެސް އެމަސައްކަތް ފަށާފައިވާކަމަށެވެ.
ޝަރީޢަތުގެ މަރުހަލާ ނިމި, ޙުކުމްތަންފީޒު ކުރުމާ ހަމައިގައި 4 މީހަކު ރާއްޖޭގައި އެބަތިއްބެވެ. މަރުގެ ޙިކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ އާލާތްތަކާއި އެހެނިހެން ކަންކަން ރައީސް ޔާމީންގެ ވެރިކަމުގައި ޤާއިމުކުރެވުނެވެ. އޭރު މަރުގެ ޙުކުމް ތަންފީޒުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި އެކަމަށް މަސައްކަތް ކުރެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. ނަމަވެސް އެއިރު ހުކުމް ތަންފީޒުކުރެވޭ ގޮތެއް ނުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަމަށް އެމަނިކުފާނު އެހާބޮޑު ސަމާލުކަމެއް ނުދެއްވައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމާއި ހަވާލުވުމަށްފަހު ޢަދުލުގެ ނިޒާމް ފުރިހަމަކުރައްވައި, މީހުންގެ އިތުބާރު ހޯއްދެއްވުމަށްފަހު, މަރުގެ އަދަބު ތަންފީޒުކުރައްވާނެކަމަށް ވިދާޅުވެފައެވެ.