Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

ސްޕެޝަލް އިކޮނޮމިކް ޒޯންތައް ހިންގައިލުމަށް އެމިރޭޓްސްގެ ތަޖުރިބާތަކަށް ދިވެހި ސަރުކާރުން ބަލާނެ

އެކުވެރި ޢަރަބި އިމާރާތަކީ ފުޅާ ދާއިރާއެއްގައި އިޤުތިޞާދީ ޚާއްޞަ ސަރަހައްދުތަކާއި، މިނިވަން އިޤުތިޞާދީ ސަރަހައްދުތައް އެ ޤައުމުގެ އެކި ޝަހަރުތަކުގެ ތަރައްޤީގައި ބޭނުންކުރަމުންދާ ޤައުމެކެވެ. ޚާއްޞަކޮށް ދުބާއީއަކީ އެފަދަ ޒޯނުތައް ގިނަ ޝަހަރެކެވެ. އެ ޝަހަރުގައި މިހާރުވެސް ފްރީ ޓްރޭޑު ޒޯންތަކުގެ ގޮތުގައި 26 ޒޯނެއް އަންނަނީ ހިންގަމުންނެވެ. މުޅި އިމާރާތުގައި އެ ބާވަތުގެ 32 ޒޯނެއް ހިންގައެވެ.

އެކުވެރި އަރަބި އިމާރާތުގެ ތަނަވަސްކަމުގެ އަސްލަކީ ޤުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަމެވެ. ކަޅު ރަންކަމަށް ބެލެވޭ ތެޔޮ ފެނި ތެޔޮ ނަގައި ބޭރުކުރަން ފެށުމުން ލިބުނު އިޤުތިޞާދީ ތިޔާގިކަމެވެ. ނަމަވެސް ތެލަކީ އެހެނިހެން ޤުދުރަތީ ވަސީލަތްތަކެކޭ އެއްފަދައިން އެ މައްޗަށް ދާއިމަށް ބަރޯސާވެވޭނެ ވަސީލަތެއް ނޫންކަން ދަނެގަނެ އިމާރާތުގެ ތަރައްޤީގެ މިސްރާބު ބަދަލުކޮށް، އިޤުތިޞާދު ސިންދަފާތުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ.

އިޤުތިޞާދު ސިންދަފާތުކުރުމަށް ކުރެވުނު ތަފާތު މަސައްކަތްތަކުގެ ތެރެއިން ދުބާއީން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ އެ ޝަހަރުގައި އިންވެސްޓުކުރުމުގެ ފުރުސަތުތައް ހުޅުވައިލުމުގެ ގޮތުން ފްރީ ޓްރޭޑު ޒޯނުތައް ޤާއިމުކުރުމެވެ. އެ ޒޯނުތައް ވެގެންދިޔައީ ބައިނަލްއަޤުވާމީ ވިޔަފާރީގައި ޚާއްޞަކޮށް އެކްސްޕޯޓު ވިޔަފާރީގެ މުހިއްމު ހަބުތަކަކަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންތަކާ ބެހޭ ޤާނޫނެއް ރާއްޖޭގައި ވުޖޫދުވީ 2014 ވަނަ އަހަރުއެވެ. އެއިރުގެ ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށި އެ ޤާނޫނުގެ ދަށުން މަސައްކަތްތަކެއް ކުރުމަށް އެއިރު ފިޔަވަޅުތަކެއް އެޅުނެވެ. ނަމަވެސް 2018 ވަނަ އަހަރުގައި އެ ސަރުކާރު ނިމުމަކަށް އައުމަށްފަހު އެ މަސައްކަތްތައް މުޅިންހެން ހުއްޓުނެވެ.

ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް އިޤުތިޞާދުގެ ވިލުންތެރިކަން އިތުރުކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެއް އަމާޒެވެ. އެ އަމާޒަށް ވާސިލުވެވަޑައިގަތުމަށް އެމަނިކުފާނު އެކަށައެޅުއްވި ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތަކީ ރާއްޖޭގައި އިކޮނޮމިކް ސްޕެޝަލް ޒޯނުތައް ޤާއިމުކުރައްވައި އެ ޒޯނުތަކަށް އިންވެސްޓަރުން ހޯދުމެވެ.

މިއަދު ދުބާއީގައި ފެށިގެންދާ އިންވެސްޓު މޯލްޑިވްސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓުމެންޓު ފުރުސަތުތައް ބޭރުގެ ވިޔަފާރިވެރިންނާ ހަމައަށް ގެނެސްދޭނެ ފޯރަމެކެވެ. އެ ފޯރަމުގައި ތައާރަފުކޮށްދެވޭނެ ފުރުސަތުތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނުތައް ހިމެނޭނެއެވެ. އެއީ އުތުރުގައި ޤާއިމުކުރާ ފްރީ ޓްރޭޑު ޒޯނާއި، މާލެ ކައިރިން ފުނަދޫގައި ޤާއިމުކުރާ ފައިނޭންޝަލް ހަބު ފަދަ ޒޯނުތަކެވެ.

މި ފޯރަމް ބާއްވާ ދުބާއީއަކީ މިފަދަ ޒޯނުތައް ޤާއިމުކޮށް، ކާމިޔާބުކަމާއެކު ހިންގައި އިންވެސްޓުމެންޓުތައް ހޯދުމުގެ ތަޖުރިބާހުރި ޝަހަރެކެވެ. މި ތަޖުރިބާތަކަކީ ރާއްޖެއިން މިހާރު ދަތުރުކުރާ އަމާޒު ހާސިލުކުރުމަށް އެހީތެރިވާނެ މުހިއްމު އާރުކާޓީއަކަށްވާނެއެވެ.

އިންވެސްޓުމެންޓު ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ޒިޔާރަތްކުރައްވަމުންގެންދަވާ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް ޤާއިމުކުރީ ފްރީ ޓްރީޑު ޒޯނު ޤާއިމުކުރުމަށް ކަމަށެވެ.

އަދި އެ މަސައްކަތްކުރުމަށް އުތުރުން ބޮޑު ދެ ފަޅެއް މިހާރު އެ ކުންފުންޏަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ދެތިން މަހެއްގެ ތެރޭގައި އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ބަންކަރިންއާއި އެހެނިހެން ޚިދުމަތްތައް އާގު ބޯޓުފަހަރަށް ދިނުމާއެކު މުދާ ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

"ފަށާފައި ކުރިއަށްދާއިރުގައި ދުބާއީ އެކްސްޕީރިއެން ނޫނީ ޔޫއޭއީ އެކްސްޕީރިއެންސަކީ އަޅުގަނޑުމެންނަށް އެއިން ވަރަށް ބޮޑެތި ފިލާވަޅުތަކެއް ލިބޭނެ އެކްސްޕީރިއެންސް. އެއީ އެބޭފުޅުން މާކުރިން އިންވެންޓުކުރައްވައި، ގޯތުރޫކުރެއްވި ކަންކަން،" ސައީދު ވިދާޅުވިއެވެ.

ޔޫއޭއީއާ ގުޅިގެން މަސައްކަތްކުރާއިރު އީޖާބީ ގޮތެއްގައި އެޤައުމުގެ ތަޖުރިބާތައް ބޭނުންކުރުން ވަރަށް މުހިއްމު ކަމުގައި ސައީދު ވިދާޅުވިއެވެ. އިތުރަށް ސައީދު ވިދާޅުވީ އެ ތަޖުރިބާތައް ހިއްސާކުރަން ޔޫއޭއީ އޮތީ ތައްޔާރަށްކަމަށާއި، ދިވެހި ސަރުކާރު އޮތީ ތަޖުރިބާތައް ދެނެގަތުމަށް ތައްޔާރަށް ކަމަށެވެ.

"އެކްސްޕީރިއެންސް ހިއްސާކުރަން މިބޭފުޅުން ތައްޔާރުތޯ، ރިސީވްކުރަން އަޅުގަނޑުމެން ތައްޔާރުތޯ، އަޅުގަނޑު ދަންނަވާނީ ދެކޮޅުންވެސް މިތިބީ އެއް ރޫހެއްގައޭ،" ސައީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ