Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

ރޯދަ މަހު ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކޮށް ނިމޭނެ: އިހުސާން

ރޯދަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އެކީ ނިންމާލެވޭނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކެޕްޓަން (ރިޓަޔާޑް) އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައިކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ލަސްވަމުން ދާ ސަބަބަކީ، އެ ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވުމުން، އެ ކޯޓުން މިހާރު މައްސަލަ ބަލަމުން ދަނީ 1 ކޯޓު ރޫމުގައި ކަމަށްވާތީކަން ވަޒީރު ދެއްވި ޖަވާބުގައި ފާހަގަކޮށްފައިވެއެވެ. އަދި އެގޮތައް މައްސަލަތައް ބަލަމުންދާތާ މިހާރު އެތައް ދުވަހެއް ވެފައިވާކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވެއްޓިފަ އޮތް އިމާރާތެއްގެ ތެރޭގައި ވަރަށް ހާލުގައި އެ ކޯޓު އެ އޮޕަރޭޓް ކުރަނީ
ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން، ހުޅުމާލލޭގައި ކޮވިޑު ފެސިލިޓީއެއް ހިންގަމުން އައި އިމާރާތެއްގައި ކްރިމިނަލް ކޯޓުގެ ވަގުތީ އިމާރާތެއް ގާއިމްކުރުމުގެ ހުއްދައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުން އެދިފައިވާނެކަމަށެވެ.

އަދި އޭގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން އެތައް ފަރާތެއް ގުޅިގެން އެ މަސައްކަތްކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ވަޒީރު ވިދާޅުވީ، އެ މަސައްކަތުގައި ސިފައިންނާ، ފުލުހުންނާ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްއާ، ޖުޑީޝަލް ސާވިސް ކޮމިޝަންއާއި އެޓާނީ ޖެނެރަލްގެ އޮފީހުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޓާގެޓު މި ކުރެވެނީ، ރޯދަ މަސް ނިމެންވާއިރަށް އެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވި، ކްރިމިނަލް ކޯޓުގެ މަސައްކަތް ރަސްމީކޮށް އެތާ ފެށޭނޭ
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެ މަސައްކަތް އަވަސްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން 'ވާނުވާ' ބަންދުގެ މައްސަލަތައް ނެތިގެންދާނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ