ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރިމަވެފައި އޮތް ޑޮލަރުގެ ތާށިކަމުގެ މައްސަލައަށް ހައްލެއް ހޯދުންކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ދުބާއީގައި ބާއްވާ އިންވެސްޓުމެންޓު ފޯރަމަށް ވަޑައިގަތުމަށް ދުބާއީއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ކުރިމަތިވެފައިވަނީ ވަރަށް ގިނަ ސަބަބުތަކެއް އެކުވެގެން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ސަބަބަކީ ރާއްޖެއިން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ނަގާފައިވާ ދަރަނި އަދާކުރުން ފަސޭހަކުރުމަށްޓަކައި 2017 ވަނަ އަހަރު ޤާއިމުކުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ބޭރު ފައިސާ ކުރީ ސަރުކާރުން ނަގައި ހުސްކޮށްފައިވުމެވެ.
"ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާތަކެއްވެސް ނިމިދިޔަ ސަރުކާރުންވަނީ އެއްކޮށް ހުސްކޮށްފައި. ދެން އޭގައި ހުރި ފައިސާވެސް ނަގާފައި ހުރީ،" ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާއާމެދު ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ތަފުސީލުތަކަށް އަލިއަޅުވައިލައްވައި ސައީދު ވިދާޅުވިއެވެ.
އިތުރަށް ދަރަނި ބޮޑުވުމުގެ އެއް ސަބަބަކީ ދަރަނި ނަގައިގެން ހިންގަން ފެށި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީވެސް ޑޮލަރުގެ މައްސަލަ މެދުވެރިވުމުގެ ސަބަބެއްކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މިހާތަނަށްވެސް ނުނިމި އޮތުމަކީ ޑޮލަރުގެ އާމްދަނީ އިތުރުނުވާ ސަބަބެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ޑޮލަރަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމާއި، އެކަޅު ބާޒާރަށް ބައެއް ވިޔަފާރިތައް ލާމެހިގެންދިއުމަކީ އެކަމުގެ ސަބަބުން ޑޮލަރުގެ ތާށިކަން އިތުރުވެ، ޑޮލަރުގެ އަގު އުފުލުމަށް މެދުވެރިވާ ސަބަބެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިހާރު މިއުޅޭ އިޝޫއަކީ [ޑޮލަރުގެ] ބްލެކް މާކެޓެއް އޮވެފައި، ޑެލިބެރެޓްލީ ވިޔަފާރިތަކެއް ބްލެކް މާކެޓާ ޓައިވަމުންދާ މައްސަލަ،" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑޮލަރުގެ އަގު އުފުލުމާ ގުޅިފައިހުރި މިފަދަ ހުރިހާ މައްސަލަތަކަކުން އަރައިގަނެ ކުރިއަށް އޮތް ދެތިން މަހެއްހައި ދުވަހުގެ ތެރޭގައި ޑޮލަރުގެ ތާށިކަމުން އަރައިގަތުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.