ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚާންޔޫނުސްއަށް ވަދެގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ ތެރެއިން 11 ސިފައިން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިކަން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހާމަކޮށްފައިވަނިކޮށްފިއެވެ.
މިކަން ވަނީ އިސްރާއީލުގެ މީޑީއާއިންވެސް ކަށަވަރުކޮށްދީފައެވެ.
އިސްރާއީލު ސިފައިންގެ 11 މީހަކު މަރާލައިފައި ވަނީ ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު ސިފައިންގެ އަސީރުންތަކެއް މިނިވަންކުރުމަށްޓަކައި އިމާރާތެއްގެ ތެރެއަށް ވަދެގެންއުޅެނިކޮށް ހަމާސްގެ ހަނގުރާމަވެރިން އެއިމާރާތް ވަށާލައި ދިން ކުއްލި ހަމަލާތަކުގައެވެ.
ހަމާސްއިން ތަންކޮޅެއްކުރިން ބުނިގޮތުގައި ޣައްޒާގެ ޚާން ޔޫނުސްއަށް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ އަސީރުންގެ ތެރެއިން ދެމީހަކުވަނީ މަރުވެފައެވެ.
މީގެކުރިންވެސް އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި އިސްރާއީލުގެ އަސީރުން މަރުވެފައިވެއެވެ. އަދި ޣައްޒާއަށް އެއްގަމު މަގުން އަރައި އިސްރާއީލު ސިފައިން ކުރާ ހަނގުރާމައިގައި އޮޅިގެން އެގައުމުގެ އަސީރުންނަށް ހަމަލާދީ 3 އަސީރަކު ވަނީ މަރާލާފައިވެއެވެ.
އިސްރާއީލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެއެންމެ ފަހު މަރުޙަލާކަމަށް ބުނެ ރަފަހް އަށް އަރައިގަތުމަށް ތައްޔާރީތައް ވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުމަތައުއިން ދަނީ އިސްރާއިލަށް އެކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.