ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ސިޔާސަތުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ތާރީފުކޮށްފިއެވެ.
ދުބާއީގައި ކުރިއަށްދާ އިންޓަނޭޝަނަލް ގަވަމެންޓު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނުގެ އަރިހަށް އައިއެމްއެފްގެ ޑިރެކްޓާ ޖެނެރަލް ކްރިސްޓަލީނާ ގޯޖީވާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި ރައީސާ ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ޚާރިޖީވަޒީރު މޫސާ ޒަމީރާއި، މާލީ ވަޒީރު ޑރ.ޢަބްދުﷲ ޝަފީޤާއި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ ބައްދަލުވުމުގައި ޖޯޖީނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤުތިޞާދުގެ އަސާސްތައް ހަރުދަނާކުރެއްވުމަށް ރައީސް ތަންފީޒުކުރައްވަމުންގެންދަވާ ސިޔާސަތުތަކަށް ތާރީފުކުރައްވައި، އެމަނިކުފާނުގެ ލީޑާޝިޕުގައި ރާއްޖެ އައު އުސްމިންތަކަކަށް އުފުލިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ރައީސްގެ ސިޔާސަތުތަކަށް ތާރީފުކުރެއްވީ ވަރަށް ހިތްވަރުގަދަ ނިންމެވުންތަކެއް ނިންމެވުމާ ގުޅިގެންނެވެ. މިސާލެއްގެ ގޮތުން ސައީދު ފާހަގަކުރެއްވީ ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތަށް ބަލާއިރު ފައިސާ ޗާޕުކުރުން ހުއްޓައިލުމަކީ އުދަގޫ ނިންމުމަކަށްވީ ނަމަވެސް ރާއްޖޭގެ އިޤުތިޞާދުގެ ކުރިމަގު ރަނގަޅުކުރެއްވުމަށް ރައީސް ފައިސާ ޗާޕުކުރުން ހުއްޓަވައިލެއްވި ކަމަށެވެ.
މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވީ އައިއެމްއެފްގެ ޗާޓަރުގެ 4 ވަނަ މާއްދާގެ ދަށުން އައިއެމްއެފްގެ އޮފިޝަލުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިހުރި ހިރާސްތައް ފާހަގަކުރެއްވިކަމަށެވެ.
އެއާއެކު، ރާއްޖޭގެ އިޤުތިޞާދު ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަންފީޒުކުރައްވަމުންދާ ސިޔާސަތުތަކަށް ތާރީފުކުރައްވައި، އެ ސިޔާސަތުތަކަކީ ހިތްވަރުގަދަ ސިޔާސަތުތަކެއް ކަމުގައި އައިއެމްފުން ފާހަގަކުރި ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވީ މިހާރު ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރެވުމުން މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަނެވި ރާއްޖެއަށް އިޤުތިޞާދީ އިތުރު ތަރައްޤީގެ މިސްރާބަށް ދަތުރުކުރަން ފެށޭނެކަމަށް އައިއެމްއެފުން ބުނެފައިވާ ކަމަށެވެ.
އައިއެމްއެފްގެ އޮފިޝަލުން ރާއްޖެއަށް ކުރެއްވި ދަތުރަށްފަހު ޝާއިއުކުރި ރިޕޯޓުގައިވެސް ރައީސްގެ ސިޔާސަތުތަކަށް ތާރީފުކޮށްފައިވެއެވެ. އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމުން ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހިރާސްތަކުން އަރައިގަނެވި އިޤުތިޞާދީ ކުރިއެރުމުގެ ދުވެލި ހަލުއިކުރެވޭނެކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.