ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް އެ މަޖިލީހުގެ ގަވައިދުގައި ހިމަނަން ހުށަހަޅައިފިއެވެ.
އެ ގަވައިދުގައި އެގޮތަށް ހިމަނަން ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)އެވެ. އޭނާ އެގޮތަށް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލިހަށް ހުށަހަޅުއްވަމުންނެވެ.
ސަލީމް އެފަދައިން ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމުގެ ބިލް މަޖިލިހަށް ހުށަހަޅުއްވަމުންނެވެ.
އެކަން ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ ރައީސާއި ނައިބު ރައީސް ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ގޮތަށް ކަމަށެވެ.
ސަލީމް ވިދާޅުވިގޮތުގައި ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ ސަރުކާރު ޖަވާބުދާރީ ކުރުން ހަނިކުރުމެވެ.
މީގެއިތުރުން ރައިސުލްޖުމްހޫރިއްޔާ އާއި ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް، އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެހެންކަމުން ކެބިނެޓުގައި ވެސް އެންމެ އިސްކޮށް އިންނަވާ ދެ ބޭފުޅުން ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.