ބޭންކް އޮފް މޯލްޑިވްސްގެ ކުރެޑިޓު ކާޑުތަކާއި ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާގެ މުއާމަލާތްކުރެވޭ މިންވަރު ކުޑަކުރުމަށް ނިންމާފައިނުވާކަމުގެ ޔަގީންކަން ބޭންކުން މާލީ ވުޒާރާއަށް ދީފައިވާކަމަށް އެ ވުޒާރައިން ބުނެފިއެވެ.
އެވުޒާރާއިން މިފަދައިން ބުނެފައިވަނީ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ރޭޓުކަމަށް މިހާރު ކަނޑައަޅާފައިވާ ރޭޓު 90 އިންސައްތަ ދަށްކުރަން ބޭންކުން ނިންމާފައިވާކަމަށް ބައެއް މީޑިއާއިން ރިޕޯޓުކުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި އެވުޒާރާއިން ބުނި ގޮތުގައި ނޫސްތަކުން ފަތުރާފައިވަނީ ހަގީގަތާ ޚިލާފު ޚަބަރެކެވެ. އަދި އެފަދަ ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމުގެ ޔަގީންކަން ބޭންކުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިތުރަށް މާލީ ވުޒާރާއިން ބުނެފައިވަނީ ކާޑުތަަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ ވުޒާރާއާއި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އަދި ޖުމްލަކޮށް ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކުރުމާއެކު، ބޭރުފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް، ބޭރުފައިސާ ލިބުން ފަސޭހަވާނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިވެރިކަން ފެށުނުއިރު ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައި އޮތް ހީނަރުކަމުން އަރައިގަނެ ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ބަޔާނުގައި މާލީ ވުޒާރާއިން ދީފައިވެއެވެ.