ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުން 120 ހެކްޓަރު ބިންހިއްކައި މަސައްކަތް ނިންމާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި ތިލަފުށި ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނީގެ ގޮތްޕެއް ކަމުގައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއި ހަވާލުކޮށްގެން ކުރި މިމަސައްކަތުގެ މިހާރު ކުރިއަށް ދަނީ އޭރިއާ "އީ" ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ފެށި މިމަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު, އެޗްޑީސީން ބުނެފައިވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ އިރުޝާދުގެ މަތިން ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މަޝްރޫއުތައް ތާވަލާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާތަކާއި މަންފާތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް.
ތިލަފުށިން ބިން ހިއްކުމުގެ މަޝްރޫޢަކީ މާލޭ ސަރަހައްދުގައި ވިޔަފާރިތަކަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން އަލަށް ހިއްކި ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެއެވެ.