މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމައިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެމްޕީއެލްގެ ފްލެޓްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ސީއީއޯ ވަޖީހު މިއަދު ވިދާޅުވީ، އެމްޕީއެލް އިން 2018 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި އަޅަންފެށި ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމުމުގެ އިތުރުން، ކުލި ނެގުން ފަސްކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވާ މައިގަނޑު ސަބަބަކީ، ކުރިން ނިންމާފައިވާގޮތުން، އޭޕްރިލް މަހުން ފަށައިގެން ކުލި ދައްކަން ޖެހޭގޮތައް އޮތް ނަމަވެސް، އަދިވެސް ފްލެޓުތަކުގެ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން، ފްލެޓުތައް ދޫކުރުމުގައި ލަސްތަކެއް ވަމުންދާތީކަން ވަޖީހު ފާހަގަކުރެއްވިއެވެ.
މުވައްޒަފުންނަށް ދޭ ޔަގީންކަމަކީ، ފްލެޓަށް މީހުން ވަދެ ހަމަޖެހި ނިމުނީމަ ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން. އަދި މިހާރުގެ ކުއްޔަށްވުރެ ކުލިވެސް ކުޑަކޮށްދޭނަން.އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލް ފްލެޓްތަކުގެ ހާލަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޖީހު ވިދާޅުވީ މިހާރު ފްލެޓުތަކުގައި މީހުނަށް ދިރިއުޅެވޭ ވަރު ވާނެކަމަށެވެ. ނަމަވެސް، ކުންފުންޏާ ހަވާލުވިއިރު ފްލެޓުތަކުގެ ބައެއް ކޮންޓްރެކްޓުތައް ހަދާފައިވާގޮތުން، އަދިވެސް ނުނިމޭ ބައެއް މަސައްކަތްތައް ހުރިކަން ވަޖީހު ފާހަގަކޮށްފައިވެއެވެ.
އޭގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށް ވަޖީހު ވިދާޅުވިއެވެ. ނަމަވެސް، ނުނިމި ހުރި މަސައްކަތްތައް ދެނެގަނެ އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުން ދާކަން ވަޖީހު ފާހަގަކޮށްފައިވެއެވެ. އެގޮތުން މިވަގުތު މައިގަނޑު ގޮތެއްގައި ނުނިމިހުރި މަސައްކަތްތަކަކީ ފްލެޓުތަކުގެ ފިނިށިންގް މަސައްކަތްތައްތައްކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ކުންފުންޏާ ހަވާލުވިތާ 2 މަސްތެރޭ މުވައްޒަފުން ފްލެޓުތަކަށް ވެއްދޭވަރުވޭތޯ މަސައްކަތްކުރަން ފަށާފައިވާކަމަށެވެ. އަދި، 100 އެއްހާ އާއިލާ އެމްޕީއެލް ފްލެޓުތަކުގައި މިހާރު ދިރިއުޅެމުންދާކަމަށް ވަޖީހު މައުލޫމާތުދެއްވިއެވެ.