Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އެންމެ ގޭދޮށު މަސް ފެކްޓަރީއެއްގެ މަސައްކަތްވެސް ނުހިނގާ، ބައެއް އެއްބަސްވުންތައް ބާތިލުކުރަންޖެހިދާނެ

ކުރީ ސަރުކާރުން އަޅަން ވައުދުވި އެންމެ ގޭދޮށު މަސް ކާރުޚާނާއެއްގެ މަސައްކަތްވެސް ކުރިއަށްނުދާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު، އިތުރު ސުވާލުކުރުމުގެ ވަގުތުގައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުވަނީ ކުރީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަން ފެށި ގޭދޮށު މަސްފެކްޓަރީތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

ގޭދޮށު މަސްފެކްޓަރީތައް ޤާއިމުކޮށް ރަށުގައި މަހުގެ އެކި އުފެއްދުންތައް އުފެއްދުމަށްފަހު ސީދާ ރާއްޖެއިން ބޭރަށް ބޭރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ ގުޅޭ ގޮތުން މަސްވެރިކަމާ ބެހޭ ކުރީގެ ވަޒީރު ޑރ.ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ވާހަކަފުޅު ދެއްކެވީ 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ. އެއިރު އޭނާ ވިދާޅުވީ އައްޑޫގައި ގޭދޮށު 3 މަސް ފެކްޓަރީއާއި ނ.ކެނދިކުޅުދޫގައި އެފަދަ މަސްފެކްޓަރީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރު ނިމުނުއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި ގޭދޮށު މަސް ފެކްޓަރީއެއް ބިނާކުރެވިފައިނުވެއެވެ.

ނިހާދުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ގޭދޮށު މަސްފެކްޓަރީތަކުގެ ތެރެއިން އެއްވެސް ފެކްޓަރީއެއްގެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދާ ކަމަށެވެ. އެގޮތުން މަސައްކަތް ފެށުނު ފެކްޓަރީތަކުގެ މަސައްކަތް އޭގެ އެންމެ އަސާސީ މަސައްކަތަށްވުރެ ދުރަށް ކުރިއަށްނުދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގޭދޮށު މަސް ފެކްޓަރީތަކުގެ މަސައްކަތް ހުރީ އެއްވެސް ވަރަކަށް ކުރިއަށްނުގޮސްކަމަށް ދެންނެވުން ކުށަކަށްނުވާނެ. އެއްވެސް ގޭދޮށު މަސްފެކްޓަރީއެއް ބޭނުންކުރެވޭ ވަރަށްވުރެ ވަރަށް އިނީޝިއަލް ސްޓޭޖުގައި ހުރީ،" ޝިޔާމު ވިދާޅުވިއެވެ.

އިތުރަށް ޝިޔާމު ވިދާޅުވީ މަސް ފެކްޓަރީތަކުގެ ތެރެއިން ބައެއް މަސް ފެކްޓަރީތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައި އެޑްވާންސް ފައިސާ ހަވާލުކުރި ނަމަވެސް މަސައްކަތް މިހާތަނަށް ފެށިފައިވެސް ނުވާ ކަމަށެވެ. އެފަދަ ކޮންޓްރެކްޓުތައް ބާތިލުކުރަންޖެހޭނެކަމަށާއި، އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ