Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ފޮނަދޫ މަޖިލިސް ގޮނޑިއަކީ ރައީސަށް އިތުބާރާއި ލޯބި އޮތް ގޮނޑިއަކަށް ހަދައިދިނުމަށް މިނިސްޓަރު ފައިސަލް އެދިވަޑައިގެންފި

ލ.ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ލޯތްބާއި އިތުބާރު އޮތް މެންބަރަކު ތަމްސީލުކުރައްވާ ގޮނޑިއެއްކަމަށް ހަދައިދިނުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް އެދިވަޑައިގެންފިއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ފޮނަދޫ ދާއިރާއަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރުގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.

އިއްޔެ ޢަބްދުއްރަޙީމުވަނީ އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރައްވާފައެވެ. ޢަބްދުއްރަޙީމަކީ މީގެ ކުރިން ދެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު އޭނާ އެ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ.

ފައިސަލު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ތެދުވެރި އިޚުލާޞްތެރި ނިޔަތެއްގައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަކީ ދިވެހިރާއްޖޭގެ އިސްތިޤުލާލާއި ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ. އަދި އިޤުތިޞާދީ ގޮތުން ދުޅަހެޔޮ އިޖުތިމާއީ ގޮތުން ފޭރާން ހެޔޮ މުޖުތަމައެއް ޤާއިމުކުރެއްވުން ކަމަށެވެ.

އިތުރަށް ވަޒީރު ވިދާޅުވީ ރައީސްގެ މި މަސައްކަތްޕުޅުގައި އެމަނިކުފާނަށް މަދަދުވެރިވުމަށް ރައްޔިތުންނަށް މިވަގުތު ކޮށްދެވެން އޮތް އެންމެ ބޮޑު ކަމަކީ، ސަރުކާރަށް ދުއްތުރާކޮށް ޖެއްސުންކޮށް އުދަގޫކުރުމުގެ ބަދަލުގައި ތަރައްޤީއަށް ލޯބިކުރާ، ޤައުމުގެ ކުރިއެރުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ ރައްޔިތުންގެ މަޖިލީހެއް ހޯދުން ކަމަށެވެ.

"މި މަސައްކަތުގައި ބައިވެރިވެ އެ ކަމުގައި އެހީތެރިވެދިނުމުގެ ގޮތުން އަޅުގަނޑުމެންނަށް މި ވަގުތަށް ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސަށާއި ސަރުކާރަށް ޖެއްސުމާއި ތުރާކުރުމުގެ ބަދަލުގައި ތަރައްޤީއަށް ލޯބިކުރާ ތަރައްޤީއަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް ހޯދުން،" ފައިސަލް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ޢަބްދުއްރަޙީމަކީ ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރައްވައި، ދާއިރާއާއި ރަށުގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ މިހާރު މިއޮތް ކޮންގުރެސް ޕާޓީގެ ވެރިކަން ޤާއިމުކުރުމުގެ މުހިއްމު ބައިވެރިއެއްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ސިފަކުރެއްވި ގޮތުގައި ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ލިބިފައި އޮތީ ރަނުގެ ފުރުސަތެކެވެ. އެގޮތުން އެދާއިރާގެ ގޮނޑިއަކީ ރައީސް ޑރ.މުޢިއްޒަށް ފުރިހަމަ އިތުބާރާއި ލޯބި އޮތް ގޮނޑިއެއްކަމަށް ހަދައިދިނުމަށް ދާއިރާގެ ރައްޔިތުންގެ ކިބައިން ފައިސަލް އެދިވަޑައިގަތެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ތަރައްޤީ ގެނައުމަށްޓަކައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ލިބުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން ލ.އަތޮޅުގެ 3 ގޮނޑިއާއި މަޖިލީހުގެ ގިނަ ގޮނޑިތައްވެސް ސަރުކާރަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ރަށާއި ދާއިރާގެ ރައްޔިތުން، ދޮށީ ޢުމުރުގެ ޢިއްޒަތްތެރީން ،ކަނބަލުން ، ޚާއްޞަކޮށް ޒުވާނުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކީ ، ކުރާ އިލްތިމާސަކީ މި މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވައި ފޮނަދޫ ދާއިރާގެ ގޮނޑިއަކީ ރައީސް ،ޑރ.މުޢިއްޒަށް ފުރިހަމަ އިތުބާރާއި ލޯބި އޮތް ގޮނޑިއަކަށް ހައްދަވައިދެއްވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ