Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އަލީ ޝިޔާމް

ކުރީ ސަރުކާރުން މަހުގެ އަގު ބޮޑު ކުރީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް: މިނިސްޓަރ ޝިޔާމް

ކުރީ ސަރުކާރުން މަހުގެ އަގު ބޮޑު ކުރީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަހުގެ އަގާއި ބެހޭގޮތުން ވަޒީރަށް ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ޔައުގޫބް ވަޒީރަށް ކުރި ސުވާލުގައި އަހާފައިވަނީ، މަހުގެ އަގަށް ބަދަލެއް އަތުވެދާނެތޯ ނުވަތަ ނޫންތޯއެވެ. އެގޮތުން، މަހުގެ އަގު ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުން ދާކަމުގެ އަޑު އިވޭ ކަމަށާއި، މަހުގެ އަގު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުން ގެންގުޅޭތޯ މެންބަރު ޔައުގޫބު މިއަދުގެ މަޖިލީހުގައި ވަޒީރު އަރިހުން ސުވާލުކުރައްވާފައިވެއެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިހާރު މަހުގެ އަގު ވާނީ ބަދަލުކޮށްފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އޭރު އެމަނިކުފާނުގެ ސަރުކާރުން 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުން ދިޔަ މަސް 25 ރުފިޔާއަށް ބަދަލުކުރެއްވި ކުރެއްވުން އަޅުމެން އޭރުވެސް ދެކުނީ އަދި މިއަދުވެސް ދެކުނީ އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރެއްވުމަށްޓަކައި ގެންނެވި ބަދަލެއްކަމަށް
ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން މަހުގެ އަގު ބަދަލުކޮށްފައިވަނީ އެއްވެސް ވަރެއްގެ ދިރާސާއެއް ކޮންގެން އަދި އެއްވެސް ވަރެއްގެ ހެޔޮ ނިޔަތެއް އޮވެގެން ނޫންކަމަށެވެ.

އަދި މީގެ އިތުރުން، ކުރީ ސަރުކާރުން މަހުގެ އަގަށް ބަދަލުގެނައި ތާރީހަށް ބެލި ކަމުގައިވެސް އެއީ ސިޔާސީ މަގްސަދެއްގައި ގެނައި ބަދަލެއްކަން ހާމަވާން އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. މަހުގެ އަގަށް ބަދަލުގެނެވިފައިވަނީ 16 ސެޕްޓެމްބަރު 2023 ވަނަ ދުވަހުކަމަށާއި، އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގެ ވޯޓުލުން ނިމި ދެވަނަބުރުގެ ވޯޓުލުމަށް ތައްޔާރުވަމުން ދިޔަ ވަގުތުކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.

އަދި ހަައެފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިނުގައި މަހުގެ އަގު 20 ރުފިޔާއަށްވުރެ ކުޑަނުކުރައްވާނެކަމަށް ރައްޔިތުންނަށް ވައުދުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސް އޭރު އެފަދައިން ވިދާޅުވީ އެ ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ގަންނަށް ހުރި އަގަށް ބެލުމަށްފަހުކަމަށާއި، މިފްކޯގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

35 އިންސައްތައަށް މިފްކޯގެ ހަރަދު ބެލިކަމުގަވީނަވެސް، އަޅުގަނޑު މި ދަންނަވަނީ މީ، 11 ރުފިޔާގެ ގެއްލުމުގެ ވާހަކަ. 11 ރުފިޔާގެ ގެއްލުމުގަ މަސް ގަތުމަކީ، އެއީ، ދައުލަތުގެ އާމްދަނީ މިވަގުތު ހުރިގޮތުން އެއީ، ދިވެހި ދައުލަތަށް ޔަގީނުންވެސް ވަރަށް ބޮޑު ބުރައަކަށް ވާނެ
ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އަދި، އެހާ ބޮޑު އިންސައްތައަށް މިފްކޯގެ ހަރަދު ބެލިކަމުގަވާނަމަ، މިދިޔަ އަހަރު ސަބްސިޑީއެއްގެ ގޮތުގައި 250 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވީނަމަވެސް، މިއަހަރު 1.1 ބިލިއަން ރުފިޔާ ސަބްސިޑީއެއްގެ ގޮތުގަ ދިވެހި ދައުލަތުން މިފްކޯއަށް ހޭދަކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، ކުރީ ސަރުކާރުން ސިޔާސީ މަގްސަދެއްގައި އަގުބޮޑު ކުރި ކުރުމަކީ އެއްވެސް ސަރުކާރަށް ކެރި ކުޅަދާނަ ކަމަކަށް ނުވާނެކަމަށާއި، މަސްވެރިންނަށް ފައިސާދެވޭނީވެސް ދައުލަތަށް ލުއި އަގެއްގައި ހިފެހެއްޓިގެންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ