Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ނިންމުން ބޮލާލައިޖަހައި އެމްޑީޕީން ދައްކަނީ އަޣުލަބިއްޔަތު ބޭނުންކުރާނެ ގޮތް

އިއްޔެ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ނިންމީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ އަމުރަކަށް އަމަލުނުކުރުމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ މައްސަލަ ފާސްކުރުން ފަސޭހަކުރުމަށް މަޖިލީހުގެ ޤަވާއިދަށް އެމްޑީޕީން ހުށަހަޅައި، ގެންނަން ނިންމާފައި އޮތް އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ.

އެ އަމުރަށް އަމަލުނުކުރަން ބާރުއަޅުއްވައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމު ދެއްކެވި ވާހަކަފުޅުން ދެތިން ނުކުތާއެއް ފާހަގަކުރެވުނެވެ. ފުރަތަމަ ކަމަކީ ސުޕްރީމް ކޯޓުގެ އަމުރުގެ ދުސްތޫރިއްޔަތު (Constitutionality) ނުވަތަ ޤާނޫނު އަސާސީއާ ތައާރުޟުވުމާއި ނުވުމާމެދު ވާހަކަދެއްކެވުމެވެ. ދެވަނަކަމަކީ ނުސީދާ ގޮތެއްގައި މަޖިލީހަކީ ތިން ބާރުގެ ތެރެއިން އެންމެ ބާރުގަދަ ނުވަތަ ސުޕީރިއާ ބާރު ކަމުގައި ދޭހަވާ ގޮތަށް ވާހަކަދައްކަވާފައިވުމެވެ. ތިންވަނަކަމަކީ މަޖިލީހުގެ ކަމަކާމެދު އެހެން އެއްވެސް ފަރާތަކަށް ބަހެއް ނުބުނެވޭނެކަމަށް ވިދާޅުވުމެވެ.

މި ތިން ނުކުތާއާ ގުޅިގެން މަޖިލީހުގެ ޤާނޫނީ ބާރުވެރިކަމުގެ ދާއިރާއާއި، ސުޕްރީމް ކޯޓުގެ ދައުރާއި، ދިވެހި ދުސްތޫރީ ނިޒާމުގެ ތަރުތީބުތަކާ ގުޅޭ ސުވާލުތަކެއް އުފެދިއްޖެއެވެ. ހަމަ ހަގީގަތުގައިވެސް ރައްޔިތުންގެ މަޖިލީހުން ބޭނުން ކޮންމެ ގޮތަކަށް ކަންކަން ކުރަންވީ ހެއްޔެވެ؟ މަޖިލީހުން ކުރާ ކަމެއްގައި އެހެން ބާރަކުން ކުރާނެ ކަމެއް ނުވަތަ ކުރެވޭނެ ކަމެއް ނޯންނާނެ ހެއްޔެވެ؟ މަޖިލީހުން ކުރާ ކަމެއްގެ ދުސްތޫރީ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރު އަދި އެފަދަ ސުވާލަކަށް ޖަވާބުދިނުމުގެ އިޚުތިޞާޞު އެހެން އެއްވެސް ފަރާތަކަށް ނޯންނާނެ ހެއްޔެވެ؟

މަޖިލީހަކީ އެންމެ މަތީ ބާރެއް ނޫން

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އޮތް ގޮތުން ދިވެހި ދައުލަތުގެ ބާރުތައް ތަރުތީބުކޮށްފައި އޮންނަނީ ތިން ބާރުގެ ތެރެއިން އެއް ބާރަށް އެހެނިހެން ބާރުތަކަށްވުރެ މާ ބޮޑު ބާރުވެރިކަމެއް ލިބެނެވި ގޮތަށް ކަމުގައި ބެލެވޭނެ ޖާގައެއް އޮތްތޯ ބަލާއިރު، ފާހަގަކުރެވޭ ދެތިން ނުކުތާއެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މަޖިލީހަށް ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތަކާއި ބާރުތަކެއް ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ފަދައިން އެހެނިހެން ބާރުތަކަށްވެސް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިފައި ހުރުމެވެ.

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެކަމަށް ބުނެފައިވެއެވެ.

މި މާއްދާ ވަކިން ކިޔައިލުމުން ދޭހަވާ ދޭހައަކީ އަސްލަމު ވިދާޅުވި ފަދައިން މަޖިލީހުގެ އެއްވެސް ނިންމުމަކާމެދު ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތެއް ކުރެވި މައްސަލައެއް ބަލައި ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. ނަމަވެސް ޤާނޫނުއަސާސީގެ ވަކިވަކި މާއްދާތައް އެހެނިހެން މާއްދާތަކާ އެކަހެރިކޮށް ވަކިކޮށްގެން ކިއުމުން އެ މާއްދާތަކުގެ މުރާދު ގެއްލެއެވެ. އެ ސަބަބަށްޓަކައި މި މާއްދާ ކިޔަންޖެހެނީ އެހެނިހެން މާއްދާތަކުގެ އިންތަކުގެ ތެރެއިންނެވެ.

އިސްވެ ބަޔާންކުރި މާއްދާގެ އިބާރާތުގައި ބުނެފައިވަނީ، ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. ޤާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ރާއްޖޭގެ ކޮންމެ ކޯޓަކަށްވެސް އެ ކޯޓުގެ އިޚުތިޞާޞުގެ ތެރެއިން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާއިދެއް އަދި ޤަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމުމެއް ޤާނޫނު އަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވީ މިންވަރެއް ބާތިލު އެއްޗެއް ނުވަތަ ކަމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ.

މި ދެ މާއްދާ އެއްކޮށްލުމުން ނިކުންނަ ނަތީޖާއަކީ ޤާނޫނު އަސާސީއާ ތަޢާރުޟުވާ ކަމެއް ރައްޔިތުންގެ މަޖިލީހުން ކުރި ނަމަވެސް ނުވަތަ މަޖިލީހުގެ ޤަވާއިދުގެ ބައެއް ޤާނޫނު އަސާސީއާ ތަޢާރަޟުވާ ގޮތަށް އެކުލަވައިލި ނަމަވެސް، އެ މާއްދާއެއްގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމަކީ ކޯޓުތަކުގެ އިޚުތިޞާޞުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމެވެ.

ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ އިޚުތިޞާޞް

ދުސްތޫރިއްޔަތު ކަށަވަރުކުރުން ނުވަތަ Constitutional review އަކީ ޤާނޫނުތަކާއި ޤަވާއިދުތަކާއި، އިދާރާތަކުގެ ނިންމުންތައް ޤާނޫނު އަސާސީއާ ތަޢާރުޟުވާކަން ނުވަތަ ފުށުނާރާކަން ކަށަވަރުކުރުމެވެ. މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނަމަވެސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމުގައި ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ދެން އޮތީ ޤާނޫނު އަސާސީގައި މިފަދައިން ދުސްތޫރިއްޔަތު ކަށަވަރުކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތަކާމެދު ބުނެފައިވާ ބުނުމެވެ. އެއީ ޤާނޫނު އަސާސީގެ 247 ވަނަ މާއްދާގައި ދުސްތޫރީ މައްސަލައިގެ ގޮތުގައި މާނަކޮށްފައިވާ މައްސަލަތެކެވެ. ޤާނޫނު އަސާސީގައި ބުނެފައިވަނީ ދުސްތޫރީ މައްސަލައަކީ ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލައާއި، ޤާނޫނެއް ނުވަތަ ޤާނޫނެއް ބައެއް ނުވަތަ ޤަވާއިދެއް ނުވަތަ ޤަވާއިދުގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ޤާނޫނު އަސާސީއާ ޚިލާފުވެތޭ ބަލައި އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލަ ކަމަށެވެ.

މި މާއްދާތަކަށް ބެލުމުން ޤާނޫނުއަސާސީން ބާރުލިބިގެން ހަދާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ޤާނޫނު އަސާސީއާ ޚިލާފުވެއްޖެކަމުގައި ބެލެވޭ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ގޮތަށް ޤާނޫނު އަސާސީ މާނަކުރެވިދާނެކަމަށް ޤަބޫލުނުކުރެވެއެވެ.

އޭގެ އިތުރަށް ކޯޓުތަކާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން 3 ބާވަތެއްގެ މައްސަލަތައް ބެލުމުގެ އިޚުތިޞާޞު ލިބިފައިވާ ހަމައެކަނި ކޯޓަކީ ސުޕްރީމް ކޯޓު ކަމަށެވެ. އެ ތިން ބާވަތުގެ މައްސަލަތަކުގެ ތެރޭގައި އެ މައްސަލައަކީ ޤައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން ހިމެނޭއިރު މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ މައްސަލައަކީ، އަދި އެ މައްސަލައިގެ ފަހަތުގައިވާ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލައަކީ ޤައުމުގެ އާންމު މަސްލަހަތާ ލާމެހިފައި ނެތް ކަމެއްގެ ގޮތުގައި ބަލާނެ ހަމައެއް ނޯންނާނެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް މަޖިލިސް ތަބާވާންޖެހޭނެތަ؟

މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ކުރަންޖެހޭ ކަމަކީ ރާއްޖޭގައި ސުޕްރެމެސީ ނުވަތަ ސިޔާދަތު ލިބިފައިވަނީ ކޯއްޗަކަށް ނުވަތަ ކޮން ކަމަކަށްތޯ ކުރާ ސުވާލެވެ. ބައެއް ޤައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕްރެމެސީ އޮވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ، "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން،" ކަމަށެވެ.

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގައި މަޖިލީހަށް ދީފައިވާ އިމްތިޔާޒު، ނުވަތަ ޚާއްޞިއްޔަތު، ޤާނޫނު އަސާސީގެ 143، 144 އަދި 247 ވަނަ މާއްދާއާ އެކުއެކީ ކިޔައިލުމުން އެނގެނީ ޤާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުގެ ޤަވާއިދު ހެދުމަކީ މަޖިލީހަށް އޮންނާނެ ބާރެއް ނޫންކަމާއި، މަޖިލީހުގެ ޤަވާއިދުވެސް ޤާނޫނު އަސާސީއާ ޚިލާފުވެއްޖެކަމަށް ފެންނަ ހިނދެއްގައި އެ ޚިލާފުވީ ބައެއް ބާތިލުކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ ކަމެވެ.

ސުޕްރީމް ކޯޓުން މި މައްސަލާގައި ނެރުނު ވަގުތީ އަމުރުގައިވެސް އަޣުލަބިއްޔަތު ފަނޑިޔާރުންގެ ރައުޔާގައި ފާހަގަކުރައްވާފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަކުން ވިޔަސް ޤާނޫނުއަސާސީއާ ޚިލާފަށް އަމަލުނުކުރެވޭނެ" ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ޤަވާއިދަކަށް ގެނެސްފައިވާ އިސްލާހެއް ޤާނޫނު އަސާސީއާ ޚިލާފުވުމުގެ އިހުތިމާލު އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އެ އިހުތިމާލާމެދު ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ އިސްލާހަކަށް އަމަލުކުރުން ފަސްކުރުމަކީ ޤާނޫނުއަސާސީ ހުރަމަތް ކަށަވަރުކޮށް، ދުސްތޫރީ ބާރުވެރިކަން ނެގެހެއްޓުމަށް ކޯޓުން އަޅަންޖެހޭނެ ފިޔަވަޅެކެވެ. އެ ފިޔަވަޅު ކޯޓުން އެޅުމުން އެ ފިޔަވަޅަށް އިހުތިރާމުނުކުރުމަކީ އޮންނާނެ އިޚުތިޔާރެއް ނޫނެވެ.

ޗެކްސް އެންޑް ބެލެންސަސް ފުނޑައިލުން

އެމްޑީޕީއަކީ ޗެކްސް އެންޑް ބެލެންސަސްގެ ޕާޓީއެވެ. އެ ޕާޓީން ދެކޭ ގޮތުގައި އެ ޕާޓީއަކީ ޑިމޮކްރަސީގެ އާރުކާޓީންނާއި ހަށިފާރަވެރިންނެވެ. މިފަދަ ބޮޑެތި ދައުވާތަކެއް ކުރާ ބަޔަކު، ހިންގަން އުޅޭކަމެއް ކުރުމަށް ޤާނޫނު އަސާސީއާ ޚިލާފަށް ކަމެއް ކުރާކަމަށް ބެލެވުމުމުން ދުސްތޫރީ ޞައްޙަކަން ކަށަވަރުކުރުމުގެ ބާރު ޤާނޫނު އަސާސީން ދީފައިވާ ގުނަވަނުގެ ނިންމުންތަކަށް އިހުތިރާމުނުކުރާނެކަމަށް ބުނުމަކީ ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމު މުގުރައިލުމެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅާނެގެ ގޮތުގެ ސުވާލަކީ ސިޔާސީ ސުވާލެއް ނޫނެވެ. އެއީ އިދާރީ ނިންމުމެއްވެސް ނޫނެވެ. އެއީ ދުސްތޫރީ ސުވާލަކާއި ޤާނޫނީ ނިންމުމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމަށް ނިންމާ ނިންމުމަކީ ސިޔާސީ ނިންމުމެކެވެ. އެ ނިންމުމުގެ ތެރެއަށް ސުޕްރީމް ކޯޓަށް ނުވަދެވޭނެއެވެ. ނަމަވެސް އެ ނިންމުމަށް ވާސިލުވުމަށް މަޖިލީހުގެ މެންބަރުން ގުނާ ގޮތަށް ބަދަލެއް ގެންނަނަމަ އެއީ ސުޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެކެވެ.

ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނެ އުސޫލު ތަފުސީލުކޮށް ބަޔާންކޮށްފައިވަނިކޮށް، މަޖިލީހުގެ ޤަވާއިދުން މަޖިލީހުގެ މެންބަރުންގެ އަދަދު އެހެން ގޮތަކަށް ކަނޑައަޅާނަމަ، ޤާނޫނުއަސާސީގެ ތެރެއިން އެކަމަށް ކޮންމެވެސް ބުރަދަނެއް ހޯދަންޖެހޭނެއެވެ.

ސިޔާސީ ގޮތުން އެ ބަދަލު ޖަސްޓިފައިކޮށްދިނުމަށް އެމްޑީޕީން ބުނަނީ އެއީ މަޖިލީހުގެ މެންބަރުންތަކެއް ވަކިވުމާއެކު، ގޮނޑިތަކެއް ހުސްވެފައިވާތީ، އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. ނަމަވެސް މިއީ އަލަށް ކުރިމަތިވި މައްސަލައެއް ނޫނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އެއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލީހުން ވަކިވެވަޑައިގަތެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ހަމައަށްވެސް އެގޮނޑިތައް ހުރީ ހުސްކޮށެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ގުނަމުންދިޔައީ ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް ރިއާޔަތްކޮށްގެންނެވެ.

އެހެންކަމުން މި މައްސަލާގައި ގޮތެއް ނިންމުމުގެ އިޚުތިޞާޞު ކޯޓަށް އޮވެ، ކޯޓަށް މައްސަލަ ބެލުމަށް ބޭނުންވާ ޖަގަވެސް ނުދީ، އެ ނިންމި ނިންމުމުގެ ދުސްތޫރިއްޔަތު ކަށަވަރުނުވަނީސް އެ ނިންމުމުގެ ތެރެއިން ކޯޓަށް ނުބެލޭނެ ނިންމުމެއް މަޖިލީހުން ނިންމައިފިނަމަ، ދެން ލިބޭނެ ބޮޑު ގެއްލުމަކީ ފޫނުބެއްދޭނެ ގެއްލުމެކެވެ. ތިން ބާރުގެ މެދުގައި ޗެކްސް އެންޑް ބެލެންސަސް ނުވަތަ ޖަވާބުދާރީކުރުވުމާއި ތިލަފަތްހަމަކުރުމުގެ އުސޫލުތަކެއް އެކަށައަޅާފައި އޮންނަނީ މިފަދަ ހާލަތުތައް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށެވެ.

އެހެންކަމުން އެމްޑީޕީން މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ސިޔާސީ މަޤުޞަދަކަށްޓަކައި ސުޕްރީމް ކޯޓުގެ ނިންމުމަށް އިހުތިރާމުނުކުރަން ނިންމި ނިންމުމަކީ މި ނިޒާމު ފުނޑާލައި، އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކީ ދެން އޮތް ދެ ބާރަށްވުރެ މަތިން، އަދި ޤާނޫނު އަސާސީއަށްވުރެ މަތިން ހިނގާ ބާރެއްކަމަށް އިއުލާނުކުރުމެވެ.

މިނިންމުމުން ފެންނަނީ އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެ ޕާޓީން މަޖިލިސް ބޭނުންކުރާނެ ގޮތެވެ. ޤާނޫނު އަސާސީއަށް ބެލުމެއް ނެތި ސަރުކާރަށް ދުއްތުރާކުރުމަށް މަޖިލީހުގެ ހުރިހާ ބާރެއް، ހުރިހާ އިމްތިޔާޒެއް ބޭނުންކުރާނެ ކަމެވެ. ދައުލަތުގެ ތިން ބާރުގެ މެދުގައި ޤާނޫނު އަސާސީން ޤާއިމުކޮށްފައި އޮތް ތިލަފަތްހަމަ، ދުސްތޫރީ ސިޔާދަތުގެ (Constitutional Supremacy)ގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ނިޒާމު ފުނޑާލައި، ސަރުކާރު ކުޑަކަކުލަށް ތިރިކުރުން ނޫން އެހެން މަޤުޞަދެއް ނުބާއްވާނެ ކަމެވެ. އެކަމުގައި ޤާނޫނު އަސާސީއަށް، ޤާނޫނުތަކަށް އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ކުޑަ ނަމަވެސް ހުރުމަތެއް ނުބަހައްޓާނެ ކަމެވެ.

މި ލިއުމާއި ގުޅޭ