އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަ ބެހޭ މަޝްވަރާތަކެއް އެމެރިކާއާ އެކު ކުރިއަށް ގެންދާކަމަށް އީރާނުން ބުނެފިއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޢައްޒާގައި ލާއިންސާނީ ޢުދުވާން ހިންގަން ފެށުމާ އެކު ޙިޒްބުاللهން ވަނީ އިސްރާއީލަށް ޙަމަލާ ދޭން ފަށާފައެވެ. ކޮންމެ ދުވަހަކު ވެސް ޔަހޫދީންގެ އުތުރުގައި އޮތް ރަށްތަކާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް ޙިޒްބުاللهއިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެއީ ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް ހުއްޓުމަށް ބާރު އެޅުމުގެ ގޮތުން ދެމުންދާ ޙަމަލާތަކެއް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.
ލުބްނާނާ ދެކޮޅަށް ޔަހޫދީން ހަނގުރާމައެއް ފަށައިފިނަމަ އެންމެ ފަހު މީހާއާ ޖެހެންދެން ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު ޙިޒުބުﷲ އިން ވަނީ ދީފައެވެ.
"ހަނގުރާމައަކީ މި މައްސަލައަށް އޮތް ހައްލު ނޫން ކަން ލުބްނާނާއި އީރާނުން ވެސް ގަބޫލު ކުރަން. ޢައްޒާގައި ޔަހޫދީން ފަށާފައިވާ ޢުދުވާނާ ގުޅުވައި ސަރަޙައްދީ ހަނގުރާމައެއް ފެށުމަކީ އަޅުގަނޑުމެންގެ ގަސްދެއް ނޫން،" ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްލުހައްޔާނީ ވިދާޅުވިއެވެ.
އެމެރިކާއަކީ ޒަމާނުއްސުރެ އިރާނަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން އަންނަ ގައުމަކަށްވާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާވެސް އެމެރިކާއިން އަޅުވަނީ އިރާނުގެ ބޮލުގައެވެ. އަދި ރަތްކަނޑުގައި ޙޫޘީންގެ ހަމަލާތައް ވަރުގަދަކޮށްފައިވަނީވެސް އީރާނުން އެހީދީގެން ކަމަށް އެމެރިކާއިން ބުނެއެވެ.