Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގެ ރަފަޙްއަށް އެރިޔަނުދީ އިސްރާއީލު ހުއްޓުވައިދިނުމަށް އދ.ގައި ސައޫދީން އެދިއްޖެ

ފަލަސްތީނުގެ ޣައްޒާގެ ބައިބޯ ސިޓީއެއް ކަމަށްވާ ރަފަޙްއަށް ހަތިޔާރާއެކު އެރިޔަނުދީ އިސްރާއީލު ހުއްޓުވައިދިނުމަށް އދ.ގައި ސައޫދީން ޢަރަބިޔާއިން އެދިއްޖެއެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން މިގޮތަށް ފުރިހަމަ ބާރާއެކު އެފަދަ ބައިބޯ ސަރަހައްދަކަށް ހަމަލާ ދޭންފަށައިފިނަމަ ވަރަށްވެސް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވާނެކަމަށެވެ. އެފަދަ އަރައިގަތުމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެގޮތަށް އެކަން ކޮށްފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެފައިވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުން ވަނީ ޣައްޒާގެ އުތުރާއި މެދުތެރޭގެ ރައްޔިތުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދިއުމަށް އަންގަމުންނެވެ.

ސައޫދީ ބަޔާނުގައި، މިގޮތަށް މަޖުބޫރުކޮށްގެން ފަލަސްތީނު ރައްޔިތުން އެއްތަނުން އަނެއް ތަނަށް "ޑިޕޯޓް ކުރުން" ވެސް ވަނީ ކުށްވެރިކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި، އިސްރާއީލުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލެނބުމެއްނެތި ކުރިޔަށްދާކަމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަވަހަށް ބާއްވައި އިސްރާއީލުގެ ނުބައި ރޭވުންތަކަށް އަމަލީ ސިފަ ގެނައުން ހުއްޓުވަންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް ބުނެފައި ވެއެވެ.

ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކުގައި މިހާރުވެސް 1.7 މިލިއަނަށްވުރެ ގިނަ ފަލަސްތީނު ރެފިއުޖީން ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުން ގެންދެއެވެ. މީގެތެރެއިން ގިނަބަޔަކު މިސްރުގެ ބޯޑަރު ކައިރީގައިވެސް ދިރިއުޅެމުން ގެންދެއެވެ.

އިސްރާއީލް ސިފައިން ރަފަޙްއަށް ހަމަލާދީފިނަމަ ފަލަސްތީނުގެ ރައްޔިތުން ފިލަންދާން އޮތް ހަމައެކަނި ތަނަކީ މިސުރެވެ. މިސުރުގެ ބޯޑަރަކީ ހުރަސްކުރެވޭ ވަރަށްވުރެ ވަރުގަދަކޮށް ކޮންކްރީޓް ބެރިކޭޑްތައް ޖަހައި ބަންދުކޮށް އަދި ސެކިއުރިޓީ ބަލަހައްޓަމުންދާ ބޯޑަރެކެވެ. އެހެންކަމުން އިސްރާއީލުން ހަމަލާދޭން ފަށައިފިނަމަ ފަލަސްތީނުގެ ވަރަށް ގިނަޢަދަދެއްގެ ބަޔަކު އަނެއްކާވެސް ޝަހީދުވުން ކައިރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 28،000ން މައްޗަށްވަނީ އަރައިފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުވެސްވަނީ ލައްކައަކާއި ކައިރިކޮށްފައެވެ.

މި ލިއުމާއި ގުޅޭ