Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިޒްރޭލު ސިފައިން ޝަހީދުކޮށްލި 6 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު 12 ދުވަސް ފަހުން ފެނިއްޖެ

އިސްރާއީލުގެ ޓޭންކް ހަމަލާއެއްގައި ޝަހީދުކޮށްލި 6 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ގާތްގަނޑަކަށް ދެ ހަފުތާ ފަހުން ފެނިއްޖެއެވެ.
ހަ އަހަރުގެ ހިންދު ރަޖަބްގެ ހަށިގަނޑު ފެނިފައިވަނީ އޭނާގެ އާޢިލާގެ އެހެންމެމްބަރުންވެސް ޝަހީދުކޮށްލި ސަރަޙައްދުންކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. ހިންދު ޝަހީދުވުމުގެ ކުރިން ތާށިވެފައި އޮތުމުން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރާ އޯޑިއޯ ރެކޯޑިންއެއް ވެސް ވަނީ ޢާއްމުވެފައެވެ.
ހިންދު ސަލާމަތް ކުރުމަށް ފޮނުވި ރެޑް ކްރެސެންޓްގެ ރެސްކިއު ކްރޫއަށް ވެސް އިޒްރޭލުގެ ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ދެމީހުން މަރުވެފައިވާއިރު، ހިންދުގެ ހަށިގަނޑު ފެނުނީ ޣައްޒާ ސިޓީގެ ތަލް އަލް ހައްވާ ސަރަހައްދުންނެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނި ގޮތުގައި މި ހަމަލާގައި ވެހިކަލްގައި ތިބި ހިންދުގެ އާއިލާގެ ހަތް މެމްބަރުން ވެސް ވަނީ އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.
ޕީއާރްސީއެސް އިން ވަނީ އެ ކުއްޖާއާ ހަމައަށް ދާން މަސައްކަތް ކުރި އެމްބިއުލާންސްގެ ފަޅުވެރިންނަށް އިޒްރޭލުން ހަމަލާދިނުން ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ ހިންދު ފޯނުން އާދޭސްކުރާ އިމޯޝަނަލް އޯޑިއޯއެއް އާންމުކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް އެތައް މަހެއްވަންދެން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަން މި މަރުތަކުން ހާމަވެގެންދެއެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 28،000 އާއި ގާތްކޮށްފައިވާއިރު، އެ މީހުންގެ ތެރޭގައި ހިންދު ހިމެނުނު އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ތާށިވެފައި އޮތް ތުއްތު ކުއްޖާ ހިންދު ރަޖަބާއި އޭނާގެ އާއިލާ ސަލާމަތް ކުރުމުގެ މިޝަންގައި މަސައްކަތްކުރި ރެސްކިއު ޓީމްގެ ދެމީހުން މަރާލުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އިޒްރޭލުގެ މަދަނީ އުމްރާނީ ވަސީލަތްތަކާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ދޭ ޙަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.
މި ލިއުމާއި ގުޅޭ