އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ޢަރަބި ގައުމުތަކުގެ ވަޒީރުން ގޮވާލައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގައި ބޭއްވި ޢަރަބި ގައުތަކުގެ ވެރިންގެ ބައްދަލުވުގައި ގަތަރު، ޔޫއޭއީ، މިސްރު، އުރުދުން އަދި ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ އިސް ބޭފުޅުން ގޮވާލެއްވީ ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ބިން އަބްދުاللهގެ ދައުވަތަކަށް ރިޔާޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އިސްރާއީލާއި ޣައްޒާގެ ހަތަރު މަސް ދުވަހުގެ ހަނގުރާމައިގެ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
ސައުދީ ސަރުކާރުގެ ނޫސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ ޣައްޒާއާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ވަގުތުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންސާނީ އެހީ އެންކްލޭވްއަށް ވަނުމަށް ހުރަސް އެޅޭ ހުރިހާ ފިޔަވަޅުތަކެއް އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުން ވަނީ ޣައްޒާގެ އާންމުންގެ ހިމާޔަތާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެންކްލޭވްއަށް އެހީ ގެނައުމަށް ހުރަސް އެޅުމަށް ހުރި ހުރިހާ ހުރަސްތަކެއް ނައްތާލުމަށާއި ބައިނަލްއަގުވާމީ އެހީދޭ އެޖެންސީތަކުން އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ގޮވާލާފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ވަނ ފަލަސްތީނުގެ 27،947 މީހުން ޝަހީދުވެ، 67،000 މީހުން ޒަޚަމްވެފައެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އެހެނިހެން ގައުމުތަކުން ދޭ ފައިސާ މެދުކަނޑާލާފައިވާއިރު، އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންޑަބްލިއުއާރްއޭ) މެދުވެރިކޮށް ފަލަސްތީނަށް ދޭ އެހީތެރިކަން އަލުން ދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.
ޑިޕްލޮމެޓުން ވަނީ 1967 ވަނަ އަހަރު އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ ބޯޑަރުތަކުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ ގޮވާލުންތައް ވެސް އާކޮށްފައެވެ.
ސަޢޫދީ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1967 ވަނަ އަހަރު އިރުމަތީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ ބޯޑަރުތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤަބޫލުކޮށްގެން ނޫނީ އިސްރާއީލާއެކު ސިޔާސީ ގުޅުމެއް ނޯންނާނެކަމަށް ސައުދީން އެމެރިކާގެ ސަރުކާރަށް އަންގާފައިވާކަމަށެވެ.