ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އިތުރަށް އެ ޕޯސްޓުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އަމާޒަކީ ހަ މަސް ތެރޭ އެ ހިދުމަތް ފެށުން ކަމަށެވެ.
އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރާކަން ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑްރޯން ޑެލިވަރީ ސިސްޓަމް ތައާރަފް ކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ މަސައްކަތް ފަށައި، ޓެސްޓް ފްލައިޓުގެ ފުރަތަމަ ބުރު މިދިޔަ ޖެނުއަރީ 19 ވަނަ ދުވަހު ކާމިޔާބުކަމާ އެކީގައި ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.