Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

އިމާމުންނަށްދޭ ޕީއެޗްޑީގެ ފުރުސަތު 2 މަހެއްހާ ދުވަހުގެ ތެރޭ އިއުލާން ކުރާނެ: ޑރ. ޝަހީމް

އިމާމުންނަށްދޭ ޕީއެޗްޑީގެ ފުރުސަތު 2 މަހެއްހާ ދުވަހުގެ ތެރޭ އިއުލާން ކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ޕީއެޗްޑީއަށް ކިޔަވަންދާން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތުދިނުމަށްޓަކައި އިއުލާންކުރައްވާނެކަމަށެވެ. އަދި، މި ފުރުސަތަކީ، އިމާމުން ތަމްރީނުކުރުމުގެ ބޭނުމުގައި ދޫކުރާ ދުރުސަތުތަކެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އިމާމުން ފޮނުވާނެ ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ބްރޫނާއީ ފަދަ ގައުމުތައް ހިމެނޭ. އަދި ސައުދީ ޢަރަބިއްޔާގެ ބައެއް އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކޮށް އެޤައުމުތަކަށް ފޮނުވޭނެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިތުރަށް ތަމްރީނު ހާސިލްކުރަން ބޭނުންފުޅުވާ އިމާމުން ތިބިކަމަށެވެ. އެގޮތުން، ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތަށް 11 އިމާމަކު ޝައުގުވެރިކަން ފާހަގަކުރައްވާފައިވާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ. އަދި، ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިމާމުން ކުރިއަށް ދާން ބޭނުންވަނީ އެކި ދާއިރާއިން ކުރިއަށްދާންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިމާމުން ކުރިއަށްދާން ބޭނުންފުޅުވާ ދާއިރާތަކުގެ ތެރޭގައި، ޝަރުއީ ދާއިރާއާ އަދި އިސްލާމީ އިލްމުގެ ދާއިރާ ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި އިމާމުކަން ކުރަމުންދާ ބައެއް ފަރާތްތަކުން ބޭނުންފުޅުވަނީ އަމިއްލަ ގޭގައި އާއިލާއާއެކު ތައުލީމުހާސިލްކުރެވޭނެ މަގުފަހިވުންކަމަށް އެމަނިކުފާނު މައުލޫމާތުދެއްވިއެވެ. އެހެންކަމުން، އެ އިމާމުންނަށް އަމިއްލަ ގޭގައި ތިބެގެން ތައުލީމު ހާސިލްކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާއި އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު މަޝްވަރާކުރުންތައް ބާއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްވަރާތަކުގެ ތެރޭގައި އިމާމުންނަށް މާސްޓަރސް އަދި އެއަށްވުރެއް މަތީ ކޯސްތައް ދިނުމަށްވެސް މަޝްވަރާކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވަނީ އިމާމުން، ރާއްޖެއިން ބޭރުގެ ތަމްރީނުތައް ވެސް ފުރިހަމަކުރުން.
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގައި ތިބި އިމާމުންނަކީ އިލްމީގޮތުން ގާބިލް ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި ޕީއެޗްޑީފެންވަރަށް ކިޔަވާފައިވާ އިމާމުން ގިނަކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރރާއްޖޭގައި ތިބި އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފަށާފައިވެއެވެ. ނުވަ މާއްދާއެއް ހިމެނޭގޮތަށް އިމާމުން ތާޒާކުރުމަށް ކުރިއަށްގެންދާ އެ ޕްރޮގުރާމުގައި އިމާމުންނަށް ޑިޕްލޮމާ ލެވެލްގައި ލިބޭ މައުލޫމާތަށްވުރެ އެތައް ގުނަ ފުރިހަމަ މައުލޫމާތުތަކެއް ދެވިގެންދާނެ ކަމަށް ވަޒިރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ