ފާއިތުވި އަހަރަށްވުރެ ބޮޑަށް މިއަހަރު ދިވެހިރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލަފާކޮށްފިއެވެ.
އައިއެމްއެފް ޗާޓަރުގައިވާ ގޮތުގެ މަތިން އެ އިދާރާގެ މުވައްޒަފުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އައިއެމްއެފް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއެރިކަމަށް ލަފާކުރެވެނީ 4.4 އިންސައްތައިން ކަމަށެވެ.
އަދި އައިއެމްއެފްއިން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ހުންނާނީ ފާއިތުވި އަހަރަށްވުރެ 0.8 އިންސައްތަ މަތިންނެވެ. އެ އިދާރާއިން ލަފާކުރި ގޮތުގައި މި އަހަރު ރާއްޖޭގެ އިޤުތިޞާދު 5.2 އިންސައްތައިން ކުރިއަރާނެއެވެ.
އައިއެމްއެފްއިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއި، ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހޮޓާތަކާއި ރިސޯޓުތަކާއި ގެސްޓުހައުސްތައް މި އަހަރު އިތުރުވުމުގެ ސަބަބުން އިޤުތިޞާދު އިތުރަށް ފުޅާވުމަށް ފަހިވެގެންދާނެއެވެ.
އަދި މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރަށް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، މާލީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅާފައިވާ އިސްލާހުތަކަކީ ރަނގަޅު މިސްރާބަށް އެޅޭ ފިޔަވަޅުތަކެއްކަމުގައި އައިއެމްއެފުން ބަޔާންކުރިއެވެ. އެގޮތުން ފައިސާ ޗާޕުކުރުން ހުއްޓައިލުމާއި، ސަބްސިޑީ ނިޒާމާއި އާސަންދަ އިސްލާހުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އިސްކަންދޭނެ ތަރުތީބެއް އެކުލަވައިލުމަކީ ސަރުކާރުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކެއްކަމަށް އައިއެމްއެފުން ފާހަގަކުރިއެވެ.
އައިއެމްއެފުން ފާހަގަކުރި ގޮތުގައި ދަރަނި ބޮޑުވުމާއި، ދައުލަތަށް ލިބޭ އާމްދަނީއާއި ޚަރަދުގެ ފަރަގު ބޮޑުވުމާއި، ބޭރުން ލިބޭ ފައިސާއާއި ބޭރަށް ހޭދަކުރަންޖެހޭ ފައިސާގެ ފަރަގު ބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެއެވެ.