ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓައިލުމަކީ ރާއްޖޭގެ އިޤުތިޞާދު ހަމަމަގަށް އެޅުމަށް އެޅި މުހިއްމު ރަނގަޅު ފިޔަވަޅެއްކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފްގެ ޗާޓަރުގައި ބަޔާންކުރާ އުސޫލުގެ މަތިން އެ އިދާރާގެ މުވައްޒަފުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު މިއަދު އައިއެމްއެފްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވުމާއެކު މި އަހަރު ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 5.2 އިންސައްތައަށް އަރާނެކަމަށެވެ. އައިއެމްއެފުން ލަފާކުރާ ގޮތުގައި ނިމުނު އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއެރީ 4.2 އިންސައްތައިގައެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ނިމި، އައު ރިސޯޓުތަކާއި ގެސްޓުހައުސްތައް ހުޅުވުމުން ރާއްޖޭގެ އިޤުތިޞާދު އިތުރަށް ކުރިއަރާނެކަމަށް އެ އިދާރާއިން ލަފާކުރިއެވެ. ނަމަވެސް އައިއެމްއެމްފުންވަނީ ރާއްޖޭގެ އިޤުތިޞާދަށް ހުރި ހިރާސްތައް ފާހަގަކޮށް އެ ހިރާސްތައް ކުޑަކުރެވޭނެހެން ސިޔާސަތުތައް އެކުލަވައިލުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.
ފުޅާ ދާއިރާއެއްގައި ބޮޑެތި އިސްލާހުތަކެއް ނުގެނެވިއްޖެނަމަ ރާއްޖޭގެ ޑެފިސިޓާއި ދަރަނި މަތިވެފައި ހުންނާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ. އަދި ރާއްޖެއަށް ބޭރުގެ ދަރަނި އަދާކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އައިއެމްއެފުން ފާހަގަކުރެއެވެ.
ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއާއި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ޚަރަދުގެ ފަރަގު ބޮޑުވުމުގެ ފިއްތުން އޮތްކަން ފާހަގޮޮށް، އައިއެމްއެފުން ބުނީ މާލިއްޔަތަށް އޮތް ބުރަ ކުޑަކުރުމަށް ދައުލަތުގެ ކުންފުނިތައް ހިންގުންވެސް އިސްލާހުކުރަންޖެހިފައިވާ ކަމަށެވެ. އަދި ދަރަނި އަދާކުރުމާއި މެނޭޖުކުރުމަށް ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާކުރަންޖެހޭ ކަމަށެވެ.
އެ ދާއިރާއިން ސަރުކާރުން ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އައިއެމްފުން ބުންޏެވެ. އެގޮތުން ސަބްސިޑީ ނިޒާމު އިސްލާހުކޮށް، މަރުހަލާތަކަށް ބަހާލައިގެން މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި ޓާގެޓެޑް ސަބްސިޑީ ތައާރަފުކުރުމައި، އާސަންދަ އިސްލާހުކުރުމާއި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ވަކި ތަރުތީބަކުން ހިންގަން ފެށުމާއި، ދައުލަތުގެ ކުންފުނިތައް އިސްލާހުކުރުމަކީ ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި އައިއެމްއެފުން ފާހަގަކުރިއެވެ.
މެކްރޯއިކޮނޮމިކް ނާޒުކުކަން ކުޑަކުރުމަށް އެހެނިހެން ސިޔާސަތުތަކާއެކު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކޮށް އައިއެމްއެފުން ބުނީ، ފައިސާ ޗާޕުކުރުން ހުއްޓައިލުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މާލީ ރައްކާތެރިކަމުގެ ދާ އިތުރަށް ވަރުގަދަކުރުމަށްޓަކައި މާލީ ދާއިރާގެ ބެލެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ އަގު ޕެގުކޮށްފައި އޮންނަ އޮތުމާ ފައިހަމަވާ ގޮތަށް ފައިސާއާ ގުޅޭ ސިޔާސަތުތަކާއި ޚަރަދުކުރުމުގެ ސިޔާސަތުތައް ބައްޓަންކުރަން އައިއެމްއެފުން ބާރުއަޅާފައިވެއެވެ.
ދެމެހެއްޓެނެވި ޝާމިލު ތަރައްޤީއަށްޓަކައި ކުރިއަށް އޮތް ތަނުގައި ދައުލަތް ހިންގުން ހަރުދަނާކޮށް ވިޔަފާރީގެ މާހައުލު އިތުރަށް ކުރިއަރުވައި، ހުނަރުތައް ތަރައްޤީކުރުން އިތުރުކުރުމަކީ މުހިއްމު ކަންތައްތަކެއްކަމަށް އައިއެމްއެފުން ބުންޏެވެ.