Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ނުތިބޭ ހިސާބަށް ވަަރަށް އަވަހަށް ގެންދާނަން: ރައީސް

ބޭރުން އެހީތެރިކަން ހޯދަމުންދާ ދާއިރާތަކުން ދިވެހިރާއްޖޭގެ ޤާބިލުކަން އިތުރުކޮށް ރާއްޖޭގައި ބޭރު ސިފައިންގެ އެއްވެސް ބަޔަކު ނުތިބޭ ހިސާބަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފް އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ކަންތައް ސަރުކާރުން ކުރިއަށްގެންދާ ގޮތް ބެލުމަށް ދިވެހި ހުރިހާ ރައްޔިތުންވެސް ޝައުޤުވެރިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން އެއްވެސް މިންވަރަކަށް ނުތިބޭނެކަން ޔަގީންކުރުން ކަމަށެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމުގެ މަސައްކަތް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުގައި ރަސްމީކޮށް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެމަސައްކަތް ޑިޕްލޮމަސީގެ މަތިވެރި އުސޫލުން މަޝްވަރާތައްދަނީ ވަރަށް ބާރަށް ކުރިއަށް. މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މިފެށޭ މާޗު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާއިރުގައި އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނެ. މޭ މަހުގެ 10 ގެ ކުރިން ދެންހުރި ޕްލެޓްފޯމުތަކުގެ ސިފައިން ގެންދާނެ. މިހިސާބަށް ގެންދެވުނީ ޑިޕްލޮމަސީގެ އުސޫލުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިފައިން ފޮނުވައިލުމަށް ކުރާ މަސައްކަތުގެ ތެރެއިން ދެން ސަރުކާރުން ކުރާ މަސައްކަތަކީ ޤާބިލުކަން އިތުރުކުރުން ކަމަށެވެ. އެގޮތުން ވައިގެ މަގުން ބަލިމީހުން އުފުލުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މާޗު މަހުގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެެއްކަމަށާއި، އެ ބޮޑު ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ހުރިހާ މަސައްކަތެއް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރޭވުންތެރިކަމާއެކީގައި މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން ކުރާ މަސައްކަތުން މިރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ