Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ދިވެހި ކަނޑަށް އިންޑިއާ ސިފައިން ވަން މައްސަލާގައި ބައިނަލްއަޤުވާމީ އުސޫލުތަކުން ސަރުކާރުން ފިޔަވަޅުއަޅާނެ: ޠާރިޤު

އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖޭގެ ހުއްދައެއް ނުހޯދައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަދެ ދިވެހި މަސްދޯނިފަހަރަށް އެރި މައްސަލާގައި ބައިނަލްއަޤުވާމީ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެރިކަންކުރާ ކޮންގުރެސް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ފާއިތުވި މަހުގެ 31 ވަނަ ދުވަހުގައި ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ 3 ދޯންޏަކަށް އިންޑިއާ ސިފައިން އަރައި، އެދޯނިތަކުގެ ފަޅުވެރިންނާ ސުވާލުކޮށް ބިރުދައްކާފައިވެއެވެ. އެއިން އެއް ދޯންޏަކީ މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏެވެ.

އޭގެ ފަހުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 12:00 ޖެހިފަހުން ދިވެހި ކަނޑުގެ ސަރަހައްދުން އެއިން އެއް ދޯންޏަށް ދެވަނަ ފަހަރަށް އިންޑިއާ ސިފައިން އެރިއެވެ. އެފަަހަރު އެ ދޯނީގެ ފަޅުވެރިންނަށް ބަޑިޖަހައިފާނެކަމަށް ބުނެ ބިރުދައްކާ އިންޒާރުދިންކަމަށް ފަޅުވެރިން ބުނެފައިވެއެވެ.

އެ މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޠާރިޤު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން ނެތުމުން ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ޠާރިޤު އިތުރަށް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ޤއުމެއްގެ ސިފައިން ވަދެ ރާއްޖޭގައި ބޭނުން ގޮތަކަށް ކަންކުރުމަށް ހުއްދަލިބޭ ސަބަބެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުޑަ ގައުމަކުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެ މައްސަލައަށް ޓެކުލް ކުރަމުން އެ ދަނީ. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، އެއްގަމުންނާއި ކަނޑުގެ މަގުންނާއި ވައިގެމަގުން ދިވެހިރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގެ ފުރިހަމަ ބާރުވެރިކަން ދިވެހި އަސްކަރިއްޔާގައި ހުންނަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އަދި ދާދި އަވަހަށް ދިވެހިރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަަހައްދު ހިމެނޭހެން ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސްދީނިފަހަރަށް އެރި މައްސަލާގައި ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ރަސްމީކޮށް ޚާރިޖީވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާނެކަމަށް ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

ނަމަވެސް މިހާތަނަށް އެ ހާދިސާއާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. އަދި އާންމުކޮށް އެ މައްސަލާގައި އެ ޤައުމުން ބަހެއްވެސް ބުނެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ