Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާއަށް ލިބޭނެ: ރައީސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންނަށް ބޭނުންވާ ޤާބިލުކަން ދާދި އަވަހަށް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެ އުފެއްދި އެންމެ ވަރުގަދަ ބަޠަލުންގެ ޒަޢާމަތުގައި ޤައުމީ ދިފާއީ ބާރު ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. އެގޮތުން ބޭރުން އެޒަމާނަކާ އެކަށޭނެ ވަސީލަތްތައް އެއިރުގެ ބަޠަލުން ހޯއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް. އެއީ އެ ޒަމާނަށް ބަލާއިރު ވަރުހުރި ދިފާޢީ އާލާތްތަކެއް،" ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރެއްވުމަށް އިހުގެ ވެރިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ދިވެހިރާއްޖެ ދިފާއުކުރެވޭނެ ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ އަސްކަރީ ޤާބިލުކަން ހުރިހާ ދާއިރާއަކުން އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެ ދިފާއުކުރުމަށް ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް 900،00 އަކަ ކިލޯމީޓަރުގެ ދިވެހި އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ނުވަތަ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމަށް ބޭނުންވާ އަސްކަރީ ޤާބިލުކަން ޤައުމީ ދިފާއީ ބާރަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ.،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤައުމުގެ އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކުރެއްވުމާއެކު، ޤައުމުގެ ކަންކަން ހިންގެވުމުގައި އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދިވެހިންނަށާއި ދިވެހި ޤައުމަށް އިސްކަންދިނުމުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތަށެވެ.

މި ލިއުމާއި ގުޅޭ