Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސިޔާދަތަށް ލޮޅުންއަރާ ކަމެއްގައި ދޫނުދޭނަން، ސިޔާދަތީ މައްސަލަތަކުގައި ކާމިޔާބީތަކެއް ހޯދިއްޖެ: ރައީސް

ދިވެހިރާއްޖޭގެ ސިޔާދަތަށް ލޮޅުންއަރާ ކަމެއްގައި އެއްވެސް ބަޔަކަށް ދޫނުދެއްވާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، ސިޔާދަތީ މައްސަލަތަކުގައި މިހާތަނަށް ހާސިލުވެފައިވާ ކާމިޔާބީއާއި ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން ފައްޓަވަމުން ދިވެހި ތާރީޚުގައި ފުރަތަމަ އިއްވެވުނު ޚުޠުބަތުލް ޢަރުޝިގައި އެއިރުގެ ރަދުން މުޙައްމަދު ޝަމްސުއްދީން 3 މަހާރަދުން ދެއްކެވި ވާހަކަފުޅާ ހަވާލާދެއްވައި، ރައީސް ވިދާޅުވީ ދިވެހި އުންމަތުގެ ޙާލާއި މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިއްމު ދެ އަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަވަނަތްކަމާއި މިނިވަންކަން ކަމަށެވެ.

އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަން ހިމާޔަތްކޮށްދެއްވުމުގެ ވައުދުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އެމަނިކުފާނުގެ ސަރުކާރަށް ކުރި ތާއީދަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވައިލެއްވުމަށާއި، ދިވެހި ކަނޑުން ގެއްލުނު ބައި އިއާދަކުރުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެ ގޮތަށް ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރުމަށް ކުރި ތާއީދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް.،" ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެ މަސައްކަތް ފައްޓަވައި ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އެ މައްސަލަތައް ހައްލުކުރުމުގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އެ ޤައުމުގައި ދެންނެވުނު ކަމަށެވެ. އަދި މިހާރު މަޝްވަރާތަކުގެ ތެރެއިން މިހާރު ސިފައިން ބާލާނެ ތާރީޚުތަކަކަށް އެއްބަސްވެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ޗާޓުތައް ހެދުމަށް އިންޑިއާއާއެކު ހަދާފައި އޮތް ހައިޑްރޮގްރަފީ އެއްބަސްވުން އައުނުކުރާނެކަން ދިވެހި ސަރުކާރުން އިންޑިއާއަށް އަންގާފައިވާ ކަމަށެވެ.

"އަދި ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި.،" ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ އިއާދަކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ޤާނޫނުގެ ހަމަތަކުގެ މަތިން ފަށާފައިވާކަމަށާއި، ގެއްލުނު ބައި އަނބުރާ ހޯދުމަށް އެދި ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖުރިބާކާރުންގެ ޓީމަކުން މިހާރު ހަލުއިކަމާއެކު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ސިޔާދަތީ މައްސަލަތަކުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ވިސްނުން ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، "ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން،" ކަމަށެވެ.

މި ލިއުމާއި ގުޅޭ