Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެވެށި އަނިޔާ

ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗަށް މޫދަށް އެރެން ގޮސްހުރި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށާއި، އެ މައްސަލަ އެ ޚިދުމަތުން ބަލަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިއަދު އަނިޔާ ލިބުނު އަންހެންމީހާގެ އުޚުތެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭގެ ވަގުތެއްގައި އޭނާގެ ކޮއްކޮ/ދައްތަ ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި ހުއްޓައި އޭނާގެ ކުރީގެ ފިރިމީހާ އެތަނަށް އައިސް އޭނާ ގައިގައި ތަޅައި އަނިޔާކުރި ކަމަށެވެ.

އެވަގުތު އެތަނުގައި ގިނަ ބަޔަކު ތިބި ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން ނޫޅުނުކަމަށާއި، އެންމެފަހުން އެ ދޭތެރެއަށް ވަދެ އަންހެންމީހާ ގައިގައި ތެޅުން ހުއްޓުވަން އުޅުނީ އެތަނުގައި ހުރި ބަންގުލަދޭޝް މީހެއްކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރީގެ ފިރިމީހާ ކިބައިން އެ އަންހެންމީހާ ވަރިވީވެސް އޭނާއަށް އެކި ކަހަލަ އަނިޔާކުރާތީއެވެ. ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވިފަހުން އޭނާ ގައިގައި ތަޅައި އެކި ބާވަތުގެ އަނިޔާތައް އޭނާއަށް ކުރަމުން އައިސް ވަރިވި ފަހުންވެސް އެފަދައިން އަނިޔާކުރަމުންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

އެގޮތުން އެއްދުވަހު އަންހެންމީހާ ދިރިއުޅޭ ގެއަށް ވަދެ އެޕާޓުމެންޓުގައި ހުރި ގޭސް ސިލިންޑަރު ދޫކޮށްލުމަށްފަހު، ފިރިހެންމީހާއާއި އަންހެންމީހާގެ އިތުރަށް ދެމީހުންގެ ދަރިންނާއެކު އަލިފާން ރޯކޮށްލައި އަންދައިލަންވެސް ފިރިހެންމީހާ އުޅުނުކަމަށް ބުންޏެވެ. އެދުވަހު ސަލާމަތްވީ އަންހެންމީހާ އޭނާއާ ދެކޮޅަށް މަސައްކަތްކޮށްގެންކަމަށްވެސް އޭނާ ކިޔައިދިނެވެ.

އަންހެންމީހާގެ ގެއިން ނުކުތުމަށްފަހުވެސް ވަގަށް ގެއަށް ވަދެ ތަކެއްޗަށް ގެއްލުންދީ އަންހެންމީހާއަށް އަނިޔާކޮށް ދުއްތުރާކޮށް އެކި ގޯނާތައްކުރަމުންދާ ކަމަށްވެސް އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ ކުރިންވެސް އަނިޔާކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެކަމަށާއި އެކަށީގެންވާ ފިޔަވަޅެއް އެކަމުގައި އަޅާފައިނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ.

ރޭގެ ހާދިސާއާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތުދެއްވި ފުލުހުންގެ އޮފިޝަލު ވިދާޅުވީ ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ހާމަނުކުރައްވައި އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ބަލައި ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ