ކެންސަރު ބަލީގެ ރެޖިސްޓަރީ ގާއިމުކޮށް "ނެޝަނަލް ކެންސަރ ރެޖިސްޓްރީ" ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތުދީފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. މިފަހަރު ކެންސަރު ބަލީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ"އެވެ.
އެގޮތުން، ޑިޖިޓަލައިޒް ކުރެވިގެންދާ "ނެޝަނަލް ކެންސަރ ރެޖިސްޓްރީ" ހިމެނޭނީ 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރ ބަލި މީހުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނޭކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ކެންސަރު ބައްޔަކީ ދުނިޔޭގައި 2 ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބުކަމަށާއި ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 3 ސަބަބުގެ ތެރެއިން 1 ސަބަބަކީ ކެންސަރުކަމަށެވެ. އެގޮތުން، 2020 ވަނަ އަހަރު ހެދުނު ދިރާސާއެއްގައި ދައްކާގޮތުން ރާއްޖޭގައި މަރުވާމީހުންގެ ތެރެއިން 17 އިންސައްތަ މީހުން މަރުވަނީ ކެންސަރުގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކެންސަރު ޖެހެން ދިމާވާ މައިގަނޑު ސަބަބުތަކަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތްކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން، ކެންސަރަށް މަގުފަހިވާފަދަ އަމަލުތަކުން ދުރުހެލިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ކެންސަރު ބައްޔަކީ ފަރުވާ ކުރެވިދާނެ ބައްޔެކެވެ. އަދި ކެންސަރު ބަލިން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ. އޭގެ ތެރޭގައި ހެޕަޓައިޓިސް ބީއާއި ހިއުމަން ޕެޕިލޯމާ ވައިރަސް ވެކްސިން ޖެހުމުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. މީގެ އިތުރުން، އަތްވަށް މާގިނައިން ނުނިކުތުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުމާއި، ޖިންސީ ގުޅުން ހިންގުމުގައި ރައްކާތެރިވުމާއި، ކެއުމުގައި ހަށިގަނޑަށް ފައިދާކުރާ ކާބޯތަކެތި ހިޔާރުކުރުމާއި، ކަސްރަތު ކުރުމާއި އަދި ދުމުން ރައްކާތެރިވުމަކީ ކުރެވިދާނެ ކަންކަމެވެ.
ކެންސަރު ބައްޔަކީ ދުރާލާ ފަރުވާ ކުރެވިއްޖެނަމަ ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް، ފަރުވާނުކޮށް ބަހައްޓައިފިނަމަ، ކެންސަރު ޖެހުނު ގުނަވަން ފިޔަވާ އެހެން ގުނަވަންތަކަށް ކެންސަރު ފެތުރެން މެދުވެރިވެދާނެއެވެ.