ލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާގެ ބޮޑުވަޒީރު, ދިނޭޝް ގުނަވަރްދަނާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިއަދަކީ ލަންކާގެ 76 ވަނަ މިނިވަންދުވަސް ފާހަގަކުރާ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ވަނީ ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާއާއި އަދި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ވަކިވަކިން ފޮނުއްވި މެސެޖުތަކެއްގައި ދުވަހުގެ ތަހާނީ އަރިސްކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ލަންކާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާ މެސެޖުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކަށް މަރުހަބާ ވިދާޅުވެފައިވެއެވެ. އަދި އެ ގައުމުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައާއި ސަރުކާރުގެ ފަރާތުން ލަންކާގެ ސަރުކާރަށް ހެޔޮ ދުއާއާއި މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
އަދި މީގެ އިތުރުން، ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ އެކުވެރިކަމުގެ ދިގު ތާރީހާއި ދެގައުމުން ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތަކަށް އަލިއަޅުވައިލައްވާފައިވެއެވެ.
ރައީސް ލަންކާގެ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރެއްވުމުގެ ގޮތުން ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ އިހްތިރާމާއި ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.