ކީރިތި ޤުރުއާން ކިޔެވުމާއި ހަދީޘް ކިޔުން އެމީހެއްގެ ގައިގައި އަށަގަތުމަށް ބޭނުންވާ މީހަކު އަމަލުކުރަންވީ ގޮތް މިއަދުގެ ޚުތުބާގައި ކިޔައިދީފިއެވެ.
މިއަދުގެ ޚުތުބާގެ މައުލޫއަކީ "ޝަހާދަތުގެ ދެކަލިމަ އާއި ހަޔާތާ ހުރި ގުޅުން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ޝަހާދަތުގެ ދެކަލިމަކަމަށްވާ لا إله إلا الله محمد رسول الله އަކީ އިސްލާމް ދީން އެ ދެކަލިމައެއްގެ މަތީގައި ބިނާވެފައިވާ އިސްލާމް ދީނުގެ ބިންގާކަމަށާއި އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެއްކަމަށެވެ.
އަދި އެއީ މާތް ﷲ ތަޢާލާގެ އަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނަކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އެއީ އެކަލާނގެ ދިންނެވުމާއި ނިއުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލްކޮށްދޭނެ ވަސީލަތްކަމަށާއި ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރުއުޅުން ބިނާ ކުރާ އިސްލާމީ ޝަރީއަތުގެ އަސާސްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
އަދި ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަ ކަމުގައިވާ لا إله إلا الله ގެ މާނައަކީ: " ﷲ ފިަޔަވައި ހައްގުވެގެންވާ އަޅުކަމެއް ވެވޭ އެހެން ފަރާތެއް ނުވެއެވެ." ކަންފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެހެންކަމުން އެ ކަލިމައަށް ފުރިހަމައަށް އީމާންވާ މީހާ އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި ޝަރީރުކޮށްގެން ނުވާނެކަމަށެވެ.
ޚުތުބާގައި ބުނެފައިވަނީ ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނާގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ މާތް ﷲގެ ފޮތާއި ކީރިތި ރަސޫލާ ﷺގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެކަމަށެވެ. އަދި ޝަރީއަތުގެ މި ދެ މަސްދަރު އުނގެނި އޭގައިވާ އެއްޗެއްގެ މުޜާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަން ކުރާ މީހަކަށް ވާނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވާގޮތުގައި މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި މާތް ނަބިއްޔާ ﷺގެ ހަދީޘް ބަސްފުޅުތަކުގެ ޝަރަހަ އުނގެނެން ބޭނުންވާ މީހަކަށް އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީހު ދެކިފައެއް ނުވެއެވެ.
އަދި މިއަދު އަހަރެމެންގެ ޖީބުގައިވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަކަމާއެކު ކުރެވޭކަން ފާހަގަކޯށް ޚުތުބާގައި ބުނެފައިވަނީ މި ފަސޭހައާއެކު ގުރުއާން ކިޔެވުމާއި ހަދީޘްތައް ކިޔުން އަހަރެމެންގެ ކިބާގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް ނުހަނު ފަސޭހައިން ކުރެވިދާނެ ކަންތައްތަކެއްވާ ކަމަށެވެ.
އެގޮތުން ނަފްސާނީ އިލްމުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ރަނގަޅުކަމެއް މީހެންގެ ކިބާގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިއްމުކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީގާތްގަނޑަކަށް އެކާވިސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ އޭނާގެ ކިބާގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތްކަމަށެވެ.
އެހެންކަމުން ގުރުއާން ކިޔެވުމާއި ހަދީޘް ކިޔުން އެމީހެއްގެ ގައިގައި އަށަގަތުމަށް ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް އަމަލު ކުރެވިދާނެކަމަށާއި މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނެޓު ޤުރުއާން ކިޔަވަން އަދި ފަސް މިނެޓު ހަދީޘް ކިޔަން ހޭދަކުރެވިދާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ އެގޮތުގައި މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައިވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ގާތްކަމެއްކަމަށާއި އަދި މިކަމަށް އާދަވުމާއެކު ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަޑުމަޑުން އިތުރުކުރަމުން ދެވިދާނެކަމަށެވެ.