Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޕީޖީ ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރީ އަމަލީ ގޮތުން ހަމަލާދިނުމުގައި ހަރަކާތްތެރިވިކަމަށް ބެލެވޭ ދެ މީހުންނެވެ. އެމީހުން ހަމަލާދިން ވަގުތުގައި ތިބީ މޫނު ނިވާކޮށްގެންކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު މިހާތަނަށް ފުލުހުން އާންމުކޮށްފައިނުވެއެވެ. މިއަދު ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމީހުންގެ ވަނަވަރުވެސް އާންމުކުރައްވާނެ ކަމަށެވެ.

މި މައްސަލާގައި ހައްޔރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންނާ ދެކޮޅަށް ފުލުހުންވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތައް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އެމީހުން ބަންދުގައި ބައިތިއްބަން ކުރި އަމުރުގައި ކޯޓުން ބުނެފައިވަނީ އެފުޓޭޖުން ފެންނަ މަންޒަރުތަކަށް ބަލާއިރު ޝަމީމަށް ހަމަލާދިނުމުގައި އެ ދެ މީހުންވެސް ބައިވެރިވި ކަމަށެވެ.

ހައްޔަރުކުރި 2 މީހުންގެ ތެރެއިން އުމުރުން 22 އަހަރުގެ މީހާ ބަންދުގައި ބަހައްޓަންކުރި އަމުރުގައި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ޝަމީމަށް ދިން ހަމަލާގައި އެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފިޔަވައި އިތުރު ބަޔަކު ޝާމިލުވުމުގެ ފުރުސަތު އޮތުމާއެކު ތަހުގީގު ކުރިއަށްގެންދަނީ އެ ވިސްނުންވެސް ބަހައްޓައިގެން ކަމަށެވެ.

މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލު ހާމަކުރެއްވި ގޮތުގައި ޝަމީމަށް ދިން ހަމަލާއާ ގުޅިގެން މިއަދު ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބަން ކޯޓުންވަނީ އަމުރުކޮށްފައެވެ.

ބުދަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ދިން ހަމަލާގައި އޭނާގެ އަތްޕުޅުގެ މުލައްދަނޑިއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިވަޑައިގެންފައިނުވެއެވެ.

ފުލުހުން ބުނި ގޮތުގައި ޕީޖީއަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު އެ ހަމަލާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލައަށް އިސްކަންދީގެން ތަހުގީގު ފަށާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ