Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

ދިވެހިރާއްޖޭގެ އީއީޒެޑްގެ ތެރެއަށް ވަދެ ދިވެހި ޤައުމުގެ މޫނުމަތީ އިންޑިއާއިން ޖެހީ ތަފާއްޔެއް

އިއްޔެ އިންޑިއާ ސިފައިންގެ އުޅަނދުތަކެއް ދިވެހިރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަދެ، ދިވެހި މަސްދޯނިފަހަރަށް އަރައި، ފަޅުވެރިންނަށް ބިރުދެއްކި ދެއްކުމަކީ އާދައިގެ ކަމެއް ނޫނެވެ. ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޤާނޫނުގެ ތެރެއިން ދިވެހިރާއްޖެއަށް ލިބިދޭ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އިހުތިރާމުނުކުރާކަން އިންޑިއާއިން ފާޅުގައި ދިވެހިންނަށް ދައްކައިލީއެވެ.

ދިވެހި މަސްވެރިންނަށް ދިވެހި ކަނޑުތަކުގައި ބިދޭސީ ބާރެއްގެ ބިރުވެރިކަން އޮތުމަކީ މައްސަލައެކެވެ. އަދި އަމުދުން އެފަދަ ހާދިސާއެއް ހިނގުމުން އެކަން ހިނގިކަން އެނގޭކަމަށްވެސް ނުހަދައި އެ ޤައުމެއް އޮތުމަކީވެސް މައްސަލައެކެވެ. މިހާތަނަށް އިންޑިއާއިން އިއްޔެ ހިނގި ހާދިސާއަކީ ހިނގިކަމެއްކަން އެނގޭކަން ހާމަނުކުރެއެވެ. އަދި އެފަދަ ކަމެއް ހިނގަން މެދުވެރިވި ސަބަބެއްވެސް އިންޑިއާއިން ނުބުނެއެވެ.

ރާއްޖޭގެ އުތުރުގެ އީއީޒެޑްވެސް އޮޅުވައިލަނީ

އިއްޔެގެ ހާދިސާއާއެކު އިންޑިއާގެ ދިފާއުގައި ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ، އެތައް ވާހަކަތަކެއް ދައްކަން ފަށާފައިވެއެވެ. އެގޮތުން ރާއްޖޭގެ އުތުރުން އޮންނަ ކަނޑުގެ ސަރަހައްދު އޮޅޭ ގޮތަށް އެއްބަޔަކު ވާހަކަދެއްކިއެވެ. އެގޮތުން އުތުރުން ރާއްޖޭގެ އީއީޒެޑްގެ ދިގުމިނަކީ އެންމެ 30 މޭލުކަމަށް ބުނެ، އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އެރީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ނަމަވެސް ރާއްޖޭގެ އުތުރުން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ އުތުރުން 115 މޭލާ ހަމައަށް ދެމިގެންދާ ސަރަހައްދެކެވެ. އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އެރިއިރު އެ ދޯނި އޮތީ އުތުރުން 75 މޭލެއްހައި ތަން ބޭރުގައިކަމަށް އެ ދޯނިން ބުނެއެވެ. މާނައަކީ އެ ދޯނި އޮތީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ އިމުގެ ތެރޭގައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އިއްޔެ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ވުޒާރާގައި ޤާއިމުކޮށްފަައިވާ އުޅަނދުފަހަރު މޮނީޓާކުރާ ސިސްޓަމުންވެސް އަސުރުމާ-3 ދޯނި ހަރަކާތްތެރިވަމުން އައީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ އިމުގެ ތެރޭގައި ކަން ސާފުވާ ކަމަށެވެ.

މޯދީއަށް ކުޑައިމީސްކުރުމުގެ ނަތީޖާ

ދެން އޮތީ ބައެއް ސިޔާސީ ބޭފުޅުން މިކަމުގައި ދައްކަވާ ވާހަކަފުޅެވެ. އަބަދުވެސް ރާއްޖެއަށްވުރެ އިންޑިއާގެ މަސްލަހަތުތަކުގެ ހިމާޔަތުގައި ވާހަކަދައްކަވާ ސިޔާސީން ރާއްޖޭގައި ތިއްބަވައެވެ. އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޗައިނާގެ ޖާސޫސީ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ހުއްދަ ދިނުމާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހިތުހުރި އެއްޗެއް ކިޔާނަމަ އަދި މާގިނަ ކަންކަމާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ސުވާލަކީ މޯދީއަށް ބަޔަކު އެއްޗެއް ގޮވުމަކީ، އަދި ރާއްޖޭގެ އިމުގެ ތެރެއަށް ވަންނާން އުޅަނދަކަށް ދިވެހި ދައުލަތުން ހުއްދަދިނުމަކީ އިންޑިއާއަށް ހިތުހުރި ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ ދިވެހިންނާމެދު މުއާމަލާތްކުރަން ލިބޭ ހުއްދައެއްތޯއެވެ؟ ބައިނަލްއަޤުވާމީ ޤާނޫނުގައި ރާއްޖެއާއި އިންޑިއާގެ ސިޔާދަތީ ބާރު ހަމަހަމައެވެ. ރާއްޖޭގެ ސަރަހައްދަށް އިންޑިއާއިންވެސް އަދި އެހެނިހެން ދައުލަތްތަކުންވެސް އިހުތިރާމުކުރުން ލާޒިމެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަކީ ރާއްޖޭގެ ބައެއް އެހެން ސިޔާސީ ލީޑަރުންވެސް ސިއްރިއްޔާތުގައި ދައްކަވާ ވާހަކަފުޅެވެ. އިންޑިއާގެ "ބްލެސިން" ނުވަތަ ރުހުން ނެތް މީހަކަށް ރާއްޖޭގައި ވެރިކަންނުކުރެވޭނެކަމަށް އެ ބޭފުޅުން ދައްކަވާ ވާހަކަފުޅެކޭ އެއްފަދައިން ރައްޔިތުންގެ ކަންފަތްތަކަށް ނީވޭ ހިސާބުގައި އިންޑިއާއިން ހެދީ ރަނގަޅަށޭ ވިދާޅުވާނެ "ލީޑަރުން" ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަދެއްނޫނެވެ.

ސަރަހައްދު ބެލެހެއްޓުން ވަރުގަދަކޮށް، އެމްއެންޑީއެފްގެ ޤާބިލުކަން އިތުރުކުރަންވީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަކީ ބޮޑު މަސައްކަތެކެވެ. މިހާރުވެސް އެ މަސައްކަތްކުރަނީ ދިވެހި މަސްވެރިންގެ ބޮޑު އެހީތެރިކަމަކާއެކުއެވެ. ފާއިތުވި ފަސް އަހަރު ސަރަހައްދު ބެލެހެއްޓުން ފަދަ ކަންކަމުގައި ރާއްޖެ އޮތީ އިންޑިއާއަށް ދީލައިލާ ބަރޯސާވެވިފައެވެ. ނަތީޖާއަކީ ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނެތެވެ.

ސިފައިންގެ އިސްވެރިންގެ ފަރާތްޕުޅުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސިފައިންގެ އުޅަނދުތައް މަރާމާތުނުކުރެވި ބޭނުންނުކުރެވޭހާ ހާލު ދެރަވިއިރުވެސް އެއިރުގެ ސަރުކާރަށް މައްސަލައަކަށް ނުވިއެވެ. އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ސިޔާދަތީ ހައްގު ރައްކާތެރިކުރުމުގެ ޒިންމާއިން އަމިއްލައަށް ބަރީއަވެ، އިންޑިއާއިން އެކަން ކޮށްދޭނެކަމަށް ޤަބޫލުކޮށްލައިގެން ފުއްދައިލީއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަންވާނީ އަޅުގަނޑުމެންކަން ޤަބޫލުކުރަންޖެހެއެވެ. އެހެން އެއްވެސް ޤައުމަކުން އެޤައުމެއްގެ މަސްލަހަތުތަކަށްވުރެ ދިވެހިރާއްޖެއާއި ދިވެހީންގެ މަސްލަހަތުތައް އިސްކޮށްފާނެކަމަށް ދެކިގެންނުވާނެއެވެ. މި ސަބަބަށްޓަކައި އެ ޒިންމާ އަދާކުރާ މުއައްސަސާގެ ޤާބިލުކަން އެކަށޭނެ މިންވަރަކަށް އިތުރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

ރާއްޖޭގެ ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިއަދުގެ ސަރުކާރުންވަނީ ފަށާފައެވެ. ތުރުކީން ޑްރޯނު ހޯދަނީއެވެ. އަދި އެހެނިހެން ޤައުމުތަކާ މަޝްވަރާކޮށް އިތުރު ވަސީލަތްތައްވެސް ޤާއިމުކުރާނެއެވެ. ހޯދާނެއެވެ. ފާއިތުވި ފަސް އަހަރު ވެފައި އޮތް އިހުމާލުގެ ގެއްލުމުން އަރައިގަނެ އަމިއްލަ ސަރަހައްދު ބެލެހެއްޓުމަކީ އަމިއްލައަށް ކުރެވޭވަރުގެ ކަމެއްކަމަށް ހެދުމަށެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް އިހުތިރާމުނުކުރާނެ

އިންޑިއާއިން އިއްޔެ ދިވެހިރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް ވަދެ ހިންގި އަމަލަކީ އިންޑިއާ ނުރުހޭ، އެ ޤައުމަށް އަޅުދާސްނުވާ ސަރުކާރެއް ރާއްޖޭގައި ޤާއިމުވާ ކޮންމެ ފަހަރަކު ހިންގަމުން އަންނަ ބޭއިހުތިރާމުގެ ސިލްސިލާއަށް އަމުނައިލި އިތުރު ބޮޅެކެވެ. އެއީ ވަކިން ހިނގި އެއާ އެއްގޮތް އެހެން ކަމެއް ނެތް ހާދިސާއެއް ނޫނެވެ.

ރާއްޖޭގެ ސިޔާދަތަށް އިންޑިއާއިން އިހުތިރާމުނުކުރާކަމުގެ އެންމެ އަލިގަދަ އެއް މިސާލަކީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި އެމީހުންގެ ހަވާލުގައި ރާއްޖޭގައި ބާއްވާފައި އޮތް ހެލިކޮޕްޓަރު އަނބުރާ ޤައުމަށް ގެންދަން އެންގުމުން ނުގެންދައި، ވިސާގެ މުއްދަތު ހަމަވެ، ހެލިކޮޕްޓަރު އެއްބަސްވުމުގެ މުއްދަތު ފަހަނައަޅައި ދިއުމުންވެސް ރާއްޖޭގައި ތިބި ތިބުމެވެ.

އެއިރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ މެދުގައި ދެބަސްވުންތައް އުފެދުމުން ދިވެހިންނަށް އިންޑިއާއިން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައި، އެމްބަސީން ވިސާ ދޫކުރުން ދަތިިކޮށް، އެމްބަސީ ދޮރާށި ކުރިމަތީގައި ދިވެހިން ސަފުހަދައިގެން ރެޔާއި ދުވާލު ތިބެންޖެއްސީ ދިވެހިންގެ "ސައިޒު" ދިވެހިންނަށް ދައްކާށެވެ.

ހައްލަކީ މިނިވަންވުން

އިންޑިއާއިން ދިވެހިންނާމެދު އަދި ދިވެހި ދައުލަތާމެދު ހިންގާ މިފަދަ އިހާނަތްތެރި އަމަލުތަކުން މިންޖުވާން އޮތް ހަމައެކަނި މަގަކީ ދިވެހިރާއްޖެ އިންޑިއާއިން މިނިވަންވުމެވެ. އެ ޤައުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. ބޭސްފަރުވާއަށް ދާނެ އެހެނިހެން ޤައުމުތައް ހޯދައި، ދެވޭނެ ގޮތްތައް ފަހިކުރުމެވެ. އިންޑިއާއިން ގެންނަ އަސާސީ ކާބޯތަކެތި އެހެނިހެން ޤައުމުތަކުން ހޯދުމެވެ. ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބޮޑެތި އެހެން ބާރުތަކާއެކު ގާތް ގުޅުންތަކެއް ޤާއިމުކުރުމެވެ.

އިންޑިއާއިން ދެކޭނީ އިއްޔެ އިންޑިއާ ސިފައިންވަނީ އެ ޤައުމުގެ "ބެކްޔާޑަށް" ކަމަށެވެ. އަދި އެއީ އެމީހުންނަށް އޮތް ހައްގެއް ކަމަށެވެ. ނަމަވެސް އެއީ ދިވެހިރާއްޖޭގެ ސަރަހައްދުކަން ދަނެގަނެ، އެ ސަރަހައްދުގެ މައްޗަށް ދިވެހިންނަށް އޮތް ސިޔާދަތީ ހައްގުތައް ދިވެހިންގެ އަތްމަތީ ބާއްވަންޖެހޭނީ ދިވެހިންނެވެ. ކުޑައަސް ބޮޑަސް ދިވެހިރާއްޖެއަށް އިހުތިރާމުކުރަންޖެހޭނެކަން ދައްކައިދޭންޖެހޭނީ ދިވެހި ދައުލަތުންނެވެ. އެއީ ދިވެހި ދައުލަތުގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ޒިންމާއެކެވެ.

މި ލިއުމާއި ގުޅޭ