Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑަރިންގެ ދައުވާ އުފުލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑަރިންގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ އިދާރާގެ އެންގުމަަކަށް ފުލުހުން ފެށި ތަހުގީގުން މިހާތަނަށް ފާހަގަވި އެއް މައްސަލައަކީ 2018 ގައި ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ޑޮލަރުގެ ތެރެއިން 10,000 ޑޮލަރު އެ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެވެ.
ބައްސާމްގެ މައްޗަށް ދެ ދައުވާ އުފުލައިފައިވާއިރު ޚިޔާނާތުގެ ދައުވާގެ ތަފުސީލުދެމުން ޕީޖީ އޮފީހުން ބުނީ ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10,000 ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10,004 ޑޮލަރުގެ ޓްރާންސްފަރކުރުމަށް ލިޔެ، ބޭންކަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސްގެ ގޮތުގައި 5 ޑޮލަރު އުނިކުރުމަށްފަހު 9,999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
ޕީޖީއިން ބުނީ އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި ބައްސާމް އެ ފައިސާ އެފްއޭއެމްއަށް ޖަމާކޮށްފައިވާކަން ވެސް އެނގެން ނެތް ކަމަށާއި އެ ފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެ ފައިސާގެ ތެރެއިން 1,910ޑޮލަރު އެ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕްރައިވެޓްގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި އެ ފައިސާގެ ތެރެއިން 2,000 ޑޮލަރު ސެޕްޓެމްބަރު ފަސްވަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއެވެ. އަދި އެފްއޭއެމްއިން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ޚަރަދުކޮށް، އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ.
ޕީޖީ އޮފީހުން ބުނީ ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އަދި ޚިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ ކަމަށެވެ.
ޕީޖީއިން ވަނީ މަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައެވެ.
މިމައްސަލައަކީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއްކަން ފާހަަގަކޮށް ޕީޖީއިން ބުނީ ތަހުގީގުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުއާމަލާތްތަކާމެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ގާނޫނީ ފިޔަވަޅުތައް އެ އޮފީހުން ނިންމަމުން ގެންދާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ