އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި 1-3 އިން ބާންލީ ބަލިކުރިއިރު ޗެލްސީއާ ވާދަކޮށް ލިވަޕޫލް 1-4 އިން މޮޅުވެއްޖެ އެވެ.
ލީގުގައި ރޭ ސިޓީ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ކެވިން ޑި ބްރޭނާ ވަނީ ހިމަނާފަ އެވެ. ދިގު މުއްދަތުގެ އަނިޔާއަށް ފަހު ޑި ބްރޭނާ އެނބުރި އައިސް ލީގު ފުރަތަމަ އެގާރައިގައި ހިމެނުނީ ރޭގަ އެވެ. އަދި، ސިޓީގެ އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވެސް ވަނީ ރޭގެ މެޗުގައި ބެންޗުން ކުޅެން އަރައިފަ އެވެ. އަނިޔާގެ ސަބަބުން ހާލަންޑް ވެސް މެޗެއް ނުކުޅޭތާ މަހެއްހާ ދުވަސްވި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ދެ ގޯލު ވެސް ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒް ދެ ވަނަ ގޯލު ޖެހީ ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސިޓީގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ރޮޑްރީ އެވެ.
ލިވަޕޫލުން ޗެލްސީ ބަލިކުރި މެޗުގައި ގޯލު ޖެހީ ޑިއޯގޯ ޖޯޓާ އާއި ކޯނޯ ބްރެޑްލީގެ އިތުރުން ޑޮމިނިކް ސޮބޮސްލާއީ އަދި ލުއިޒް ޑިއާޒް އެވެ. ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ ކްރިސްޓޯފް އެންކޫކޫ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ބްރެންޓްފޯޑާ ވާދަކޮށް 2-3 އިން މޮޅުވެފަ އެވެ. ޓޮޓެންހަމްގެ ގޯލުތައް ޖެހީ ޑެސްޓިނީ އުޑޯގީ އާއި ބްރެނަން ޖޯންސަން އަދި ރިޗާލިސަން އެވެ. ބްރެންޓްފޯޑްގެ ދެ ގޯލު ޖެހީ ނީލް މައުޕޭ އާއި އައިވަން ޓޯނީ އެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ލިވަޕޫލް ވަނީ 51 ޕޮއިންޓާ އެކު އެއް ވަނަ މަގާމް ދަމަހައްޓައިފަ އެވެ. ސިޓީ ވަނީ 46 ޕޮއިންޓް ހަމަކޮށް ގޯލުގެ ތަފާތުން އާސެނަލް ފަހަތައް ޖައްސާލައި ދެ ވަނަ އަށް އަރައިފަ އެވެ. ޓޮޓެންހަމް ރޭގެ މޮޅާ އެކލު 43 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް ވަނީ ކުރިއަށް ޖެހިލާފަ އެވެ.