Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ކާޑު ލިމިޓު ބޮޑުކުރުމުގައި ފިނޭންސްއިން ބޭންކުގެ ނިންމުމަށް އިހުތިރާމުކޮށް، އިތުރަށް މަޝްވަރާކުރަނީ

ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކުރުމުގައި މިހާރު ތަންފީޒުކުރަމުންދާ ލިމިޓު އިތުރަށް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުމުގައި ބޭންކަށް ދަތިތަކެއް ހުރުމުން ބޭންކުގެ އެދުމަށް އިހުތިރާމުކުރުމާއެކު އެ ސިޔާސަތު ތަންފީޒުކުރެވޭނެ ގޮތްތަކާމެދު އިތުރަށް މަޝްވަރާކުރަން ފިނޭންސް މިިނިސްޓްރީން ނިންމައިފިއެވެ.

ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް ބޭންކު ކާޑު ބޭނުންކުރެވޭ މިންވަރު މަހެއްގެ މައްޗަށް 1،200 ޑޮލަރަށް އިތުރުކުރެއްވުމަށެވެ. ނަމަވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާތީ އެ މިންވަރަށް ބޮޑުކުރުމުގައި ބޭންކަށް ދަތިތަކެއް ހުރިކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް އިއުލާނުކުރެއްވި ސިޔާސަތު ތަންފީޒުކުރުމަށް ނިޒާމެއް އެކުލަވައިލުމަށްޓަކައި ބީއެމްއެލްއާއި އެމްއެމްއޭ އަދި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެ ސިޔާސަތު ތަންފީޒުކުރުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވުމާއެކު، ރާއްޖޭގައި މިހާރު ޑޮލަރުގެ ޑިމާންޑު އޮތް މިންވަރާއި އެ ސިޔާސަތު ތަންފީޒުކުރުމަށް ހުރި ހުރަސްތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރަށް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކާޑު ލިމިޓު ބޮޑުކުރުމުގެ މަންފާ ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލާ އަދާހަމަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި ދައުލަތުގެ ރަސްމީ ރިޒާވް އިތުރުކުރުމާއެކު، ބޭންކިން ނިޒާމުން މާރުކުރެވޭ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މިނިސްޓްރީއާއި އެމްއެމްއޭ އަދި ބޭންކުތައް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން "ދިޔަރެސް"އާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާނެ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ކުންފުނިތަކުގެ އިންތިޒާމުތަކުގެ ތެރެއަށް ވަދެގެން ގަދަބަދަވިކަމުން ކަންކަންކުރުމަށް ސަރުކާރުން ނުވިސްނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ