ޗައިނާގެ މެޝިނަރީ އާއި ހެވީ ހެވިކަލް އުފައްދަން މަޝްހޫރު ވީޗައި ގްރޫޕުގެ އުފެއްދުންތައް ރާއްޖޭގެ ލިއޯ ކުންފުންޏާ ގުޅިގެން ރާއްޖެއަށް ތައާރަފްކުރަން ނިންމައިފިއެވެ.
މިކަން އާއްމުންނަށް ހާމަކޮށްފައިވަނީ ޗައިނާގައި 1940 ގެ އަހަރުތަކުގެ ކުރީކޮޅު އުފެދިފައިވާ ވިޗައި ކުންފުނީގެ އުފެއްދުންތައް ދައްކާލައި، އެ ކުންފުނިން ރާއްޖޭގެ ލިއޯ ގްރޫޕާ ގުޅިގެން ވިޔަފާރި ފެށުން ފާހަގަ ކުރަން ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު، ވެންގް ލިޒިން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންފައިވާއިރު އެ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވަޑައިގަތީ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހެވެ.
ރަސްމިއްޔާތުގައި ލިއޯ ކުންފުންޏާއި ޗައިނާގެ ވީޗައި ގްރޫޕާ ދެމެދު އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކައި ވިޔަފާރި ފުޅާކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު މި އެއްބަސްވުމުގައި ލިއޯގެ ފަރާތުން ސޮއިކުރެއްވީ ލިއޯ ޓްރޭޑިންގެ ވެރިޔާ އަބްދުﷲ ސަވާދުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވިދާޅުވިގޮތުގައި ދިވެހިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހިފައި ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރި ކުރަން ދަންނަ ބައެކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިއޯ ކުންފުނީގެ ވެރިޔާ ސަވާދު ވިދާޅުވީ ވީޗައި ކުންފުންޏާ ގުޅިގެން ގެންނަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އިންޖީނަކީ ތެލުގެ ހަރަދު ކުޑަ ރާއްޖެއަށް އެކަށީގެންވާ އުފެއްދުމެއް ކަމަށެވެ.
އެގޮތުން އެއީ މޮޅު އުފެއްދުމެއްކަމަށާއި ތެލުގެ ހަރަދު 30 އިންސައްތަ ވަރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.