ފާއިތުވި އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޭމްތަކުގައި ރައްޔިތުންގެ އަތުން ޖުމްލަ 27 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިހާރު ފުލުހުންގެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިވިޝަނުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު ވިދާޅުވި ގޮތުގައި ސްކޭމުތަކުގެ މައްސަލަ ވަރަށް ބޮޑަށް ފެތުރި މިހާރު ފުޅާވެފައިވެއެވެ.
އެގޮތުން ނިމުނު އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ސްކޭމްތަކުގައި ދިވެހިންގެ އަތުން 27 މިލިއަނެއްހައި ރުފިޔާ ގެއްލިފައިވާކަން ފުލުހުންގެ ރެކޯޑުތަކުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން ރެކޯޑުތައް ބަލަހައްޓަން ފެށިފަހުން މިހާތަނަށް 57 މިލިއަނެއްހައި ރުފިޔާ ސްކޭމްތަކުގެ ތެރެއިން ގެއްލިފައިވާކަން ފާހަގަކުރައްވަމުން ނާފިޒު ވިދާޅުވީ ގެއްލުނު 27 މިލިއަނުގެ ތެރެއިން ހޯދުނީ މިލިއަނެއްހައި ރުފިޔާއެވެ.
ސްކޭމުތައް ހިންގާ މީހުން އިންތިޒާމުވެ ރޭވުންތެރިކަމާއެކު ސިއްރިއްޔާތުގައި އެކަންކަން ކުރުމުގެ ސަބަބުންނާއި، މިހާރު މީޑިއާގެ ވަސީލަތްތައް ތަރައްޤީވެފައިވާ މިންވަރުގެ ސަބަބުން އެ މައްސަލަތައް ހޯދައި ބެލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމުގައި ނާފިޒު ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ފައިސާ އަނބުރާ ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެކަމަކުވެސް ފުލުހުންގެ ޚިދުމަތުން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ދޭ މިޚިދުމަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ގެއްލޭ ފައިސާ ރިކަވާކުރުމުގެ މަސައްކަތްކުރާނެކަމުގައި އުފަލާއެކު ދަންނަވަން،" ނާފިޒު ވިދާޅުވިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުގެ ވެރިޔާ ސުޕްރެންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމް މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަން ފެށިފަހުން 28،000 އަށްވުރެ ގިނަ މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޭމް މައްސަލަތަކުގެ ތެރޭގައި ފޯނު ކޯލު މެދުވެރިކޮށް ފުލެޓު/ބިން ލިބިގެންކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމާއި، ލިންކު ފޮނުވައިގެން ހެކުކޮށްގެން ހިންގާ ސްކޭމުތަކާއި އިނާމެއް ލިބިގެންކަމަށް ބުނެ ހިންގާ ސްކޭމުތަކާއި، ނުދަންނަ ނަންބަރަކުން ގުޅާ އާއިލީ ނުވަތަ ރަހުމަތްތެރިއެއްކަމަށް ހެދިގެން ފައިސާ ހޯދުމާއި، ޑޮލަރު ވިއްކާކަމަށް ބުނެ ހިންގާ ސްކޭމުތައް ފާހަގަވެފައިވާ ކަމަށެވެ.