މަދަރުސާތަކަށް ކުދިންވައްދާ އުމުރުފުރާއަށް އެޑިކޭޝަން މިނިސްޓްރީން ބަދަލުގެނެސްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު ސާކިއުލާއެއްގައި ހާމަކުރި ގޮތުގައި މަދަރުސާތަކަށް އަލަށް ވައްދާ ކުދިންގެ އުމުރު ކުރިން ހަމަޖެހިފައިވާ އުމުރުފުރާއަށްވުރެ ކުޑަކުރުމަށް ގެނައި ބަދަލެކެވެ. މިބަދަލުތަކަކީ ދިރާސީ އާއަހަރަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއި ގުޅިގެން ގެނައި ބަދަލެކެވެ.
މިހާރު މި ހިނގާ 2023ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. އަދި މިއަހަރު، 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ.
މިގޮތުން ގްރޭޑް 1 އަށް ދެން ވައްދާނީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ކުރިން ހަމަޖެހިފައި އޮންނަ އުސޫލަކީ ޑިސެމްބަރުގެ ނިޔަލަށް 7 އަހަރު ފުރިފައިވާ ދަރިވަރުން ގްރޭޑް 1 އަށް ވެއްދުމެވެ.
2024 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ކުދިން މަދަރުސާތަކަށް ވެއްދުމުގައި ބަލާނެ އުމުރުފުރާތަކަކީ:
ބޭބީ ނާސަރީ: 2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން
ނާސަރީ: 2023 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން
އެލްޖޭޖީ: 2023 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
ޔޫކޭޖީ: 2023 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން
ގްރޭޑް 1: 2023 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން
ދިރާސީ އާއަހަރަށް ދަރިވަރުން މަދަރުސާތަކަށް ވެއްދުމުގައި ހުރިހާ މަދަރުސާތަކުންވެސް ޢަމަލުކުރަންވާނީ މިނިސްޓްރީގެ ސާކިއުލާއަށް ކަމުގައި މިނިސްޓްރީއިން ވަނީ ބުނެފައެވެ.