އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ދެކުނު އެފްރިކާއާ ވާދަކޮށް 2-0 އިން ބަލިވެ މޮރޮކޯ މުބާރާތުން ކަޓައިފި އެވެ.
ސަރަހައްދީ މުބާރާތުން މޮރޮކޯ ކެޓިއިރު އެ ޓީމު ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި މޮރޮކޯ ދެކި މޮޅު ކުޅުމާ އެކު އެ ގައުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. މޮރޮކޯ ވެގެންދިޔައީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެފްރިކާގެ ފުރަތަމަ ގައުމަށެވެ.
ރޭ ދެކުނު އެފްރިކާ އިން މޮރޮކޯ ކޮޅަށް ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެކުނު އެފްރިކާ 1-0 އިން ކުރީގައި އޮއްވައި ޕެނަލްޓީއަކުން ގޯލު ޖަހަން މޮރޮކޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ 85 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފަހު ވަގުތު މޮރޮކޯގެ ސޮފްޔަން އަމްރަބާޓް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
އެފްރިކާ ކަޕްގެ ކުއާޓާ ފައިނަލް ޖާގަތައް މިހާރު ވަނީ ޔަގީންވެފަ އެވެ. ދެ ވަނަ ބުރުން ކެޓި މަޝްހޫރު ޓީމުތަކުގެ ތެރޭގައި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު މިސްރާއި އެންމެ ފަހުގެ ޗެމްޕިއަން ސެނެގޯލް ހިމެނެ އެވެ.
ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ނައިޖީރިއާ ވާދަކުރާނީ އެންގޯލާއާ އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި ކޭޕް ވާޑް އާއި ދެކުނު އެފްރިކާ ވާދަކުރާނެ އެވެ. ތިން ވަނަ މެޗުގައި ކޮންގޯ އާއި ގިނީ ކުޅޭއިރު ކުއާޓާގެ ފަހު މެޗުގައި މާލީ ނުކުންނާނީ މުބާރާތް ބާއްވާ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހުކުރު، ހޮނހިރު އަދި އާދީއްތަ ދުވަހު އެވެ.